ޚަބަރު

އުރީދޫ މަސްރޭސް: ފުވައްމުލަކު ސިޓީގެ ޗެމްޕިއަންކަން ޓީމް ރީފް ރައިޑާސްއަށް

ފުވައްމުލަކު ސިޓީގައި ބޭއްވި އުރީދޫ މަސްރޭހުގެ ޗެމްޕިއަންކަން ޓީމް ރީފް ރައިޑާސް ކާމިޔާބުކޮށްފިއެވެ.

މިއީ މިއަހަރުގެ އުރީދޫ މަސްރޭހުގެ އެންމެ ފަހު ސިޓީއެވެ. ފުވައްމުލަކު ބަނދަރުގައި ބޭއްވި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒުގެ އިތުރުން އެ ސިޓީގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ފުވައްމުލަކުގައި ކުރިއަށްދިޔަ އުރީދޫ މަސްރޭސް 2023 ގެ ޗެމްޕިއަންކަން ޓީމް ރީފް ރައިޑާސް އިން ހޯދީ ޖުމްލަ 1326.45 ޕޮއިންޓާ އެކުއެވެ. ރަނަރަޕްކަން ހޯދައިފައިވަނީ ޖުމްލަ 335 ޕޮއިންޓާއެކު ޓީމް ނަގާއި ހާލީ އިންނެވެ. އަދި މުބާރާތުގެ ތިން ވަނަ ހޯދާފައިވަނީ ޖުމްލަ 175.8 ޕޮއިންޓާއެކު މޭރި ބޮލް ޓީމުންނެވެ.

ފުވައްމުލަކު ސިޓީގައި ބޭއްވުނު މަސްރޭހުން އެންމެ ބަރު މަހެއްގެ ގޮތުގައި ބާނާފައިވަނީ ބަރުމިނުގައި 8.05 ކިލޯ ގެ ރޫބީ އެކެވެ. އެންމެ ބަރުމަސް ބޭނީ ރީފް ރައިޑާސް ޓީމުގެ އަބްދުﷲއިބްރާހިމްއެވެ. އެންމެ ބަރު މަސް ބޭނި ފަރާތަށް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާޓްނާ ސީގިއަގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ.

އެންމެ ބަރު މަހުގެ އިތުރުން އަބްދުﷲ އިބްރާހިމް ވަނީ ޖުމްލަ 17 މަސް ބާނައި ފުވައްމުލަކު ސިޓީގައި ބޭއްވުނު އުރީދޫ މާސްރޭހުގެ އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމު ވެސް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމު ކާމިޔާބުކޮށްފައި ވަނީ މޭރި ބޮލް ޓީމުން ސަފާ އަދްނާނުއެވެ.

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަކޮށް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ފުޅާކޮށްފައެވެ.