މިއަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ފުލުހުންނަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު "ވަން" އަށް މިރޭ ވިދާޅުވީ އެ މައްސަލަ ފުލުހަށް ހުށަހެޅުއްވީ މިޖިލިސް ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.

"ރިޔާސީ އިންތިހާބާ ދިމާކޮށް މަޖިލީސް މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުގައި ރިޝްވަތުގެ އަމަލު ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ މަޖިލީހުގެ ރައީސް ވަނީ އެކަން ބައްލަވާ ދެއްވުމަށް އެދިވަޑައިގެން ފުލުހަށް ހުށަހަޅުއްވާފައި،" ޒިޔާއު ވިދާޅުވިއެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ދެ ހަފުތާއަށް ވެފައި ވަނިކޮށް މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ނަޝީދު ހުށަހެޅުއްވީ، އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީން މަޖިލިސް ދެ މެމްބަރަކުު ވަކިވެ އަލުން އެމްޑީޕީއާ ގުޅިވަޑައިގެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވައި އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައި ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންއެވެ.

ނަޝީދު ވަނީ މިއަދު މަޖިލިސް މެންބަރުންނާއި އެހެން އާންމުންނަށް ރައީސް ސޯލިހް ރިޝްވަތު ދެއްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

"ރައީސް އިބްރާހިިމް މުހައްމަދު ސޯލިހު ތިޔަ ގެންދަވަނީ ލަދެއް ނެތި، ބިރެއް ނެތި، ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލިސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވަމުން. ތިޔަކަމުން ވާނެ މޮޅެއް ނޯންނާނެ. ވާނީ މަނިކުފާނު ފަލީހަތް،" ނަޝީދު ވިދާޅުވިއެވެ.

ޔާސިރު އާއި ޝިޔާން ވެސް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ. އެގޮތުން އެބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ ރައްޔިތުންގެ ލާބައަށްޓަކައި ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ އެމްޑީޕީ ދޫކުރައްވައި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވައިފައެވެ.