• މަޑަގަސްކަރައިން މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

މަޑަގަސްކަރައިގައި އިއްޔެ ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ގެ ފެށުމުގެ ރަސްމިއްޔާތަށް ވަންނަން އުޅުނު 12 ސަޕޯޓަރަކު ފިތިގެން މަރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން އިއުލާނު ކޮށްފިއެވެ.

މަޑަގަސްކަރައިގެ ގައުމީ ސްޓޭޑިއަމްގައި މިފަހަރުގެ އައިއޯއައިޖީ ފެށުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވާ އިރު، އިވެންޓް ފެނުނީ މަޑަގަސްކަރައިގެ ސަގާފީ ގިނަ ހަރަކާތްތަކެއް ފެނިގެން ދިޔަ ފޯރިގަދަ އިވެންޓެއްގެ ގޮތުގައެވެ. އިއްޔެ މެންދުރުން ފެށިގެން ސްޓޭޑިއަމް ފުރެމުން ގޮސްފައިވާ އިރު، 50،000 އަށްވުރެ ގިނަ ސަޕޯޓަރުން ވަނީ ކުޅިބަލަން ވަދެފައެވެ.

މިއުޒިކީ ފޯރިގަދަ ހަރަކާތްތަކަކާ އެކު އިވެންޓް ކުރިއަށް ގެންގޮސްފައިވާ އިރު، މީހުން ވަނުމަށް ދަދިތަކެއް ދިމާވީ ގިނަ ބަޔަކު ގަދަކަމުން ވަންނަން މަސައްކަތް ކުރުމުން ކަމަށް އިދާރާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

މަޑަގަސްކަރައިގެ ގައުމީ ސްޓޭޑިއަމް މަހަމަސީމާއަށް ވަންނަން އުޅުމުގެ ތެރޭގައި 12 މީހުން މަރުވެ، 80 އަށްވުރެ ގިނަ މީހުންނަށް އަނިޔާވިކަން އިއްޔެގެ އިވެންޓްގެ ޝަރަފުވެރި މެހެމާން، މަޑަގަސްކަރައިގެ ރައީސް އަންދްރީ ރަޖޮއެލީނާ ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ. އޭނާ ވަނީ މަރުވި މީހުންގެ ހިތާމައިގައި މިނެޓެއްގެ ސުކޫތެއްވެސް ވާހަކައިގެ ތެރެއިން ގެނެސްފައެވެ،

ފިތުނު މީހުންގެ ބައެއް މަންޒަރުތައް ފެންނަ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، އެތައް ބަޔަކު ފިތިގެން އަރައިގެން ތިބި ފައިވާންތައް ހޯދައި، ދަބަސްތައް ހޯދަން ދެކޮޅަށް ދުވާ މަންޒަރުވެސް ވަނީ ފެނިގެން ގޮސްފައެވެ.

މީގެ ކުރިން 2019 ވަނަ އަހަރުވެސް މަޑަގަސްކަރައިގެ މަހަމަސީނާ ސްޓޭޑިއަމްގައި ފިތުމުގެ ހާދިސާއެއް ހިނގާފައިވެއެވެ. އެ ހާދިސާގައި 15 މީހަކު މަރުވެފައިވެއެވެ.