ވިޔަފާރި

އައިފޯނުގެ ބެޓެރިއަށް މަކަރު ހެދުމުން އެޕަލްއިން 500 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ

އާދަމް ނަސީރު

އެޕަލް އިން ނެރޭ އައިފޯނުތައް އަވަހަށް ވިއްކުމަށްޓަކައި އޭގެ ކުރިން ނެރެފައިވާ ދުވަސްވީ އައިފޯނުތައް މަޑުމަޑުން ލަސް ކުރާކަމަށް ސާބިތުވެ ބޮޑު އަދަދަކުން ޖޫރިމަނާ ދައްކަން ޖެހިއްޖެއެވެ. އެގޮތުން ސާބިތުވެފައިވާ ދައުވާގައި ވަނީ އެޕަލް ފޯނުގެ ބެޓެރީގެ ސިއްހަތު ދަށްވުމުން ފޯނުތައް ލަސްކުރާކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ ދައުވާތައް ހައްލުކުރުމަށް 500 މިލިއަން ޑޮލަރާއި ހަމައަށް ދައްކަން އެޕަލް ކުންފުނިން ވަނީ އެއްބަސްވެފައެވެ.

އިބްތިދާއީ އަޑުއެހުމުގައި، ހުށަހެޅި ކްލާސް އެކްޝަން ސެޓްލްމަންޓް ތަކުގެ މައުލޫމާތު މިހާރު ހާމަކޮށްފައިވާއިރު، ކެލިފޯނިއާގެ ސެން ހޯޒޭގައި ހުންނަ އެމެރިކާގެ ޑިސްޓްރިކްޓް ޖަޖު އެޑްވާޑް ޑަވިލާގެ ރުހުން ހޯދަން ޖެހެ އެވެ. އެގޮތުން މި މައްސަލަތަކާ ކުރިމަތިވި އެޕަލްގެ އައިފޯން ބޭނުން ކުރި ކޮންމެ ފަރާތަކަށް 35 އާއި 60 ޑޮލަރު އާއި ދެމެދުގެ އަދަދެއް ދިނުމަށް ގޮވާލާފައިވާއިރު، އެއީ ޝަރުތު ހަމަވާ އައިފޯނަށް ބަލާފައި މައްޗަށް ނުވަތަ ދަށަށް ގޮސްދާނެ އަދަދެއް ކަމަށާއި އެންމެ މަދުވެގެން ދައްކަން ޖެހޭ ޖުމްލަ ޕޭއައުޓް 310 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ނިންމާފައެވެ.

މި ހުރިހާ ކަމެއް ހާމަވެ ބޭޒާރުވެފައިވާ އިރުވެސް އެޕަލް ކުންފުނިން ގޯހެއް ހެދިކަން އަދިވެސް ގަބޫލު ކުރަން ދެކޮޅު ހަދައި އެ މައްސަލަ ހައްލުކުރީ ދައުވާތަކުގެ ބުރަތަކާއި ހަރަދުތަކުން ސަލާމަތްވުމަށް ކޯޓުގައި މައްސަލަ މާބޮޑަށް ހިންގިޔަ ނުދީ ކަމަށް ކޯޓުގެ ކަރުދާސްތަކުން ސާފުވެއެވެ. ކެލިފޯނިއާގެ ކުޕާޓިނޯގައި ހުންނަ އެޕަލް ކުންފުނިން ވަނީ މިކަމާ ގުޅިގެން ބަހެއް ހޯދުމަށް އެދުމުން ވަގުތުން ޖަވާބެއް ނުދީފަ އެވެ. އެހެން ނަމަވެސް ގެއްލުންތަކުގެ ހިސާބު ހަދާ މާހިރުން ދެކޭ ގޮތުގައި އައިފޯނަކަށް 35 ޑޮލަރާއި 60 ޑޮލަރާ ދެމެދުގެ އަގަކީ އެންމެ ރަނގަޅު އަދަދަކަށް ނުވެދާނެއެވެ.

މިމައްސަލައިގެ ވަކީލުން ރާވާފައިވަނީ ގާނޫނީ ފީގެ ގޮތުގައި 310 މިލިއަން ޑޮލަރުގެ 30 ޕަސެންޓާ އެއްވަރު 93 މިލިއަން ޑޮލަރާއި ހަމައަށް ވަކީލުންގެ ފީތައް ހޯދުމަށްވެސް ހުށަހަޅާފައެވެ. ނަމަވެސް އައިފޯންތަކާ ގުޅިގެން ފުރަތަމަ ފަހަރަށް އުފެދުނު ރުޅިވެރިކަމަކަށް ފަހު އެޕަލް އިން ވަނީ މައާފަށް އެދި ބަދަލު ބެޓެރީގެ އަގު 79 ޑޮލަރުން 29 ޑޮލަރަށް ދަށްކޮށްފަ އެވެ.