ޕާކިސްތާނުގައި އާއްމު އިންތިޚާބު ބޭއްވުމަށްޓަކައި ބޮޑުވަޒީރު ޝާހުބާޒް ޝަރީފުގެ އެދިވަޑައިގަތުމަށް ރައީސް އާރިފް އަލްވީ ވަނީ މި އޮގަސްޓްމަހު ދިހަ ވަނަ ދުވަހު ގާނޫނުހަދާ މަޖިލީސް އުވައިލައްވައިފައެވެ. އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އިންތިގާލީ ސަރުކާރެއް އެކުލަވާލައި ވަގުތީ އައު ބޮޑުވަޒީރު އަންވާރުލް ހައްގު ކާކަރު ވަނީ އޮގަސްޓް ސާދަ ވަނަ ދުވަހު މަގާމުގެ ހުވާކުރައްވައިފައެވެ. ޕާކިސްތާނުގެ ގާނޫނުއަސާސީ ބުނާގޮތުން މަޖިލިސް އުވައިލެވޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި އައު އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ. އޭގެ މާނަޔަކީ މިއަހަރުގެ ނޮވެމްބަރު ދިހަވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވަން ލާޒިމުވުމެވެ. އެކަމަކު އެކަން ކުރެވިދާނެކަމާމެދު ނުވަތަ ކުރާނެކަމާމެދު ސީރިއަސް ސުވާލުތަކެއް ވަނީ އުފެދިފައެވެ.
ޔަގީނާ ގާތަށް ގަބޫލުކުރެވޭ ގޮތުގައި ނޮވެމްބަރު މަހު އިންތިޚާބެއް ނުބާއްވާނެއެވެ. ޝާހުބާޒު ޝަރީފުގެ ބޮޑުވަޒީރު ކަމުގެ ފަހުކޮޅުން ފެށިގެން އިންތިޚާބު ލަސްކުރުމުގެ މަސައްކަތްވަނީ ފަށައިފައެވެ. އަސްކަރިއްޔާގެ ވިސްނުމަކީވެސް އަދި އިންތިގާލީ ސަރުކާރުގެ ވިސްނުމަކީވެސް އިންތިޚާބު ލަސްކުރުމެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން ގާނޫނުހަދާ މަޖިލިސް އުވާލުމާ ހަމައިން ފެށިގެން ނުވަދިހަ ދުވަހަށްވުރެ ދިގު މުއްދަތަކަަށް އިންތިގާލީ ވެރިޔަކު ހުންނެވުމަކީ ގާނޫނުއަސާސީއާ މުޅިން ޚިލާފު ކަމެކެވެ. ޣައިރުގާނޫނީ ކަމެކެވެ. އެހެންވީމާ ދެންހަދާނީ ކޮންގޮތެއް ބާވައެވެ. އިންތިޚާބު ލަސްކުރުމުގެ ހުއްޖަތެއް ވެރިކަމުން ވަކިވެވަޑައިގަތުމުގެ ކުރިން ޝާހުބާޒު ޝަރީފު ވަނީ ވުޖޫދު ކުރައްވައިފައެވެ. ވަރަށް ހިކުމަތްތެރިކަމާއެކުގައެވެ.
ޝާހުބާޒު ޝަރީފުގެ ބޮޑުވަޒީރުކަމުގެ އެންމެ ފަހު ދުވަސްކޮޅު އޭނާ ވަނީ މުޅި ގައުމުގައި އައު ބޯހިމެނުމެއް ބާއްވަވައިފައެވެ. ނުވަތަ އެކަމަށް އަމުރު ކުރައްވައި އަންގަވައިފައެވެ. ޕާކިސްތާނަކީ އާބާދީ ނުހަނު ބޮޑު ގައުމެކެވެ. ގާތްގަޑަކަށް 250 މިލިޔަން މީހުން ދިރިއުޅެއެވެ. އެހެންވީމާ އައު ބޯހިމެނުމެއް ބާއްވައި އޭގެ ނަތީޖާއަށް ބަލައިގެން އިންތިޚާބީ ދާއިރާތަކަށް އުނިއިތުރު ގެނެސް އައު ރޮނގުތަކެއް ދަމައިލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެއީ ވަގުތު ބޭނުންވާނެ ކަމެކެވެ. އިންތިޚާބީ ދާއިރާތަކުގެ ތެރޭގައި ފެޑެރަލް ދާއިރާތަކާއި ޕްރޮވިންޝިއަލް ދާއިރާތައްވެސް ހިމެނެއެވެ. ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ބުނާގޮތުގައި ބޯހިމެނުމަށްފަހު އިންތިޚާބީ ދާއިރާތައް ކަނޑައަޅަން ޖެހޭނެއެވެ. އެކަން ނުކޮށް އިންތިޚާބެއް ނުބޭއްވޭނެއެވެ. އެންމެ އަވަހަށްވެސް އިންތިޚާބީ ދާއިރާތައް ކަނޑައެޅޭނީ ޑިސެމްބަރު ސާދައިގައެވެ.
ނޮވެމްބަރު ދިހައެއްގެ ކުރިން އިންތިޚާބު ނުބޭއްވޭނެކަން ސާފު ބަހުން އިލެކްޝަންސް ކޮމިޝަނުންވެސް އެއޮތީ ބުނެފައެވެ. އިންތިޚާބީ އައު ދާއިރާތައް ކަނޑައަޅައި ރޮނގުތައް ދަމައިލެވެނީވެސް އިންތިގާލީ މަރުހަލާގެ މުއްދަތު ހަމަވެ އެއްމަހަށްވުރެ ގިނަ ދުވަސް ފާއިތުވާ ފަހުންނެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އިންތިޚާބީ ދާއިރާތައް ކަނޑައެޅުމަށްފަހު ދެން އެންމެ އަވަހަށްވެސް އިންތިޚާބެއް ބާއްވަން މަދުވެގެން ތިންމަސް ބޭނުންވާނެއެވެ. އޭގެ މާނައަކީ މިހާރު ކަންތައް އޮތްގޮތުން އަންނަ އަހަރުގެ މާރޗްމަހުގެ ކުރިން އިންތިޚާބު ނުބޭއްވޭނެކަން ކަށަވަރުވުމެވެ. ފަހަރުގައި ކުރިއަށްއޮތް 2024 ވަނަ އަހަރުގެ ފަހުކޮޅަށްވެސް ދެމިގެން ހިނގައިދާނެއެވެ. ސުވާލަކީ ގާނޫނުއަސީއާ ޚިލާފަށް ވަގުތީ ބޮޑުވަޒީރު އަންވާރުލް ހައްގު ކާކަރަށް މަގާމުގައި ދެމިހުންނެވިދާނެތޯއެވެ.
ގާނޫނުއަސާސީއާ ޚިލާފުކަމަކަށްވިޔަސް ނުވިޔަސް މިކަމަކީ ޕާކިސްތާނުގެ އަސްކަރިއްޔާ އާއި މުސްލިމް ލީގު ޕާޓީ އާއި ޕީޕަލްސް ޕާޓީގެ މަސްލަހަތު ނިޔާކުރާގޮތް ކަމަށްވަނީވިއްޔާ އެކަން އެގޮތަށް ކުރާނެއެވެ. ޝައްކެއްވެސް ނެތެވެ. އިންތިޚާބެއް ބޯމަތިވެފައި ވަނިކޮށް ބޯހިމެނުމެއް އިންތިޒާމްކުރުމުގެ ހަގީގީ ބޭނުމަކީވެސް އިންތިޚާބު ލަސްކުރުމެވެ. އިންތިޚާބު ލަސްކުރުމުގައި ވަރަށް ބޮޑު ސަބަބެއް ނުވަތަ ބޭނުމެއްވެސް އެބައޮވެއެވެ. މިވަގުތު އިންތިޚާބެއް ބާއްވައިގެން ޕީޕަލްސް ޕާޓީއަށްވެސް އަދި މުސްލިމް ލީގު ޕާޓީއަށްވެސް ލިބޭނޭ މޮޅެއް ނެތެވެ. ޚިޔާލު ހޯދުންތަކުން ދައްކާގޮތުން މި ދެ ޕާޓީންކުރެ ޕާޓީއަކަށް ޕާލަމެންޓުގައި އަޣުލަބިއްޔަތެއް ނުލިބޭނެއެވެ. އަޣުލަބިއްޔަތަކާ ކައިރިއެއްވެސް ނުކުރެވޭނެއެވެ. ދެންވެސް ބަޔަކު އަޣުލަބިއްޔަތެއް ހޯދިއްޔާ އެބަޔަކަށްވާނީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނުގެ ތަހުރީކޭ އިންސާފު ޕާޓީއެވެ.
އިމްރާން ޚާން އެހުންނެވީ ޖަލުގައެވެ. ކުރިއަށްއޮތް ފަސް އަހަރުގެ ތެރޭގައި އޭނާއަށް އިންތިޚާބެއްގައި ވާދައެއްވެސް ނުކުރެއްވޭނެއެވެ. އެކަމަކު އިމްރާނުގެ ޕާޓީއާއި އޭނާގެ އެހީތެރިންނަށް މިޒާތުގެ ގާނޫނީ ހުރަހެއް ނެތެވެ. އިމްރާނުގެ ސަޕޯޓަރުންނަށް ކުރިލިބުމަކީ އަސްކަރިއްޔާގެ ވެރިން ބޭނުންވާ ކަމެއް ނޫނެވެ. އެއީ މުސްލިމް ލީގު ޕާޓީ އާއި ޕީޕަލްސް ޕާޓީގެ ވެރިންނަށްވެސް ބިރުވެރި ހުވަފެނެއްކަހަލަ ކަމެކެވެ. އެހެންވީމާ ވަގުތު ހޯދައިގެން ތަހުރީކޭ އިންސާފު ޕާޓީ މަގުން އެކަހެރިކުރުމަކީ މިވަގުތު ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ. ޕާކިސްތާނުގެ މިނިވަންކަމަށް މިވީ 76 އަހަރުގެ ތެރެއިން ސާޅީހަކަށް އަހަރު ސީދާގޮތުންނާއި ނުސީދާގޮތުން ވެރިކަންކޮށްފައިވަނީ އަސްކަރިއްޔާއިންނެވެ. އިންތިގާލީ ބޮޑުވަޒީރަށް ލިބިފައިވާ ތިންމަސް ހަމަވީމާ ޚާއްސަ ހާލަތެކޭ ބުނެފައި ސިފައިން ސީދާގޮތެއްގައި ވެރިކަން ހިންގުމަކީވެސް ވެދާނޭ ކަމެކެވެ. ހަމަގައިމުވެސް އިންގިލާބަކާނުލައި ވެރިކަންކުރުމަށް އޮތް ފުރުސަތެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ