އެންމެ ގިނަ ދިވެހިން މިހާރުވެސް އިންޓަނެޓް ހޭވުމަށް ބޭނުން ކުރާ ބުރައުޒަރަކީ ގޫގުލް ކްރޯމް އެވެ. އެހެން ކަމުން ގޫގުލް ކުންފުނީގެ އެންމެ ބޮޑު އެއް މަސައްކަތަކީ މި ބުރައުޒާއަކީ ރައްކާތެރި އެއްޗެއްގެ ގޮތުގައި ބެލެހެއްޓުމެވެ. އެހެން ނަމަވެސް ހެކަރުންގެ ހަމަލާތަކުން ސަލާމަތްވުމަށް ކުރިން ދޭ ހިދުމަތް ނުވަތަ ފޮނުވާ ސެކިއުރިޓީ ޕެޗް މަހަކު އެއްފަހަރު ވެސް ނުލިބިދެއެވެ. އެކަން ހައްލު ކޮށް ހަފުތާއަކު އެއްފަހަރު ކްރޯމް ސެކިއުރިޓީ އަޕްޑޭޓްތައް ލިބޭނެ ގޮތް މިހާރު ވަނީ ހަދާފައެވެ. ދުނިޔޭގެ ޓެކްނޮލޮޖީގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ގޫގުލް އިން ވަނީ ގޫގުލް ކްރޯމްގެ ސެކިއުރިޓީ އަޕްޑޭޓްސް ހަފުތާއަކު އެއްފަހަރު ލިބޭ ގޮތަށް ތާވަލި ބަދަލުކޮށް ހެކަރުންނާ ދެކޮޅަށް އާ ހަނގުރާމައެއް ފަށާފައެވެ.
މި އާ، ރައްކާތެރިކަމުގެ ފިޔަވަޅު ފެށީ ގޫގުލް ކްރޯމް 116 ވަނަ ބަދަލާ އެކުގައެވެ. ގޫގުލް އިން ހާމަކުރާ ގޮތުގައި ކްރޯމިއަމް އަކީ އޯޕަން ސޯސް ޕްރޮޖެކްޓެއް ކަމުން ކޮންމެ މީހަކަށް ވެސް އޭގެ ސޯސް ކޯޑް ބަލައި، ޑިވެލޮޕަރުންގެ މަޝްވަރާތަކާއި ކޮމެންޓްތަކާއި ކޮންޓްރިބިއުޓަރުން ގެންނަ ބަދަލުތައް ވަގުތުން ވަގުތަށް ބެލޭނެ އެވެ. ނަމަވެސް މި ގެނެވުނު ބަދަލާ އެކު ދެފުށް ފެންނަ (ޓްރާންސްޕޭރެންސީ) ހިދުމަތަށް ބޮޑު ހަރަދެއް ކުރަން ޖެހޭއިރު މިކަމުގެ ސަބަބުން އިންޓަނެޓަށް ވަނުމަށް ބޭނުން ކުރާ ކްރޯމްގެ ތެރެއިން އެއްވެސް އެއްޗެއް ހެކް ކުރުމުގެ ފުރުސަތު ކުޑަވާނެއެވެ. އަދި ރައްކާތެރިކަން ފޯރުކޮށްދެވި ދިމާވާ މައްސަލަތައް ދެނެގަނެ، އަވަހަށް އެކަންކަން ރަނގަޅު ވެސް ކުރެވޭނެވެ.
މީގެ އަހަރުތަކެއް ކުރިން ނުރައްކާތެރި ހަރަކާތްތައް ގޫގުލްއިން ޕެޗް ކޮށް އެ މައްސަލައެއް ހައްލުކުރެވެނީ އެވްރެޖްކޮށް 35 ދުވަސް ފަހުން ނެވެ. ގޫގުލް އިން އެފަދަ މައްސަލަ ދެނެގަނެ އެކަން ހައްލުކުރުމަށް ހޭދަވާ ވަގުތު 2020 ވަނަ އަހަރުން ފެށިގެން އަވަސް ކުރަމުން އައި ނަމަވެސް ކްރޯމް 77 ވަނަ ބަދަލު ނެރުމާއެކު ކްރޯމްގެ ތެރެއިން ދިމާވާ ހެކް ކުރުމާއި އަދި އެނޫންވެސް ކޮމްޕިއުޓަރުގެ ސެކިއުރިޓީއާ ގުޅުން ހުރި މައްސަލަތައް ހައްލު ކުރުމަށް ދެ ހަފުތާ ވަރު ނަގައެވެ. ބައެއް ފަހަރު އާ އަޕްޑޭޓް ހޯދުމަށް އެއަށްވުރެ ގިނަ ދުވަސްވެސް ނަގައެވެ.
އެހެން ނަމަވެސް މިފަހަރު މި ގެނެވުނު ބަދަލާ އެކު ހަފުތާއަކު އެއްފަހަރު ކްރޯމް ރަނގަޅަށް ހިންގުމަށް މިދޭ ހިދުމަތްތަކަކީ ކަނޑައެޅިގެން ރަނގަޅު ދިމާލަކަށް އެޅޭ ފިޔަވަޅެއް ކަމަށާއި ކްރޯމްގެ ސެކިއުރިޓީއަށް ހެޔޮ އަސަރުކުރާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެވެ. ގޫގުލް ކުރޯމްގެ ތެރެއިން މިހާރު ރިމޯޓްކޮށް ކޮމްޕިއުޓަރުތަކަށް ފަސޭހައިން ވަދެވޭ ގޮތް ހަދާފައިވުމުން އަބަދުވެސް އަލަށް އުފަންވާ ސެކިއުރިޓީ އަޕްޑޭޓްތަކުގެ މެދުގައިވާ ދުރުމިން ކުޑަކުރުމުން، އިތުރަށް ރައްކާތެރިކަން އިހުސާސްވެ އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެއެވެ.