Close Election
Close
ދުނިޔެ

ސިޔާސީ ވާދަވެރިން ހިފައި ހައްޔަރުކޮށް ހުރަގެއަށްލުމަކީ ދެކުނު އޭޝިޔާގައި އާއްމުވެފައިވާ ބައްޔެކެވެ.

އިމާދު ލަތީފު

ޕާކިސްތާނުގެ ސިޔާސީ އާދަކާދައިގެ ތެރޭގައި ހިމެނޭ އެއްކަމަކީ ކުރީގެ ވެރިން ޖަލަށްލުމެވެ. މި އާދައިގެ ދަށުން ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިހާރު އެހުންނެވީ ޖަލުގައެވެ. އިމްރާން ޚާނުގެ ބޮޑުވަޒީރު ކަމުގެ ދުވަސްވަރު އޭނާވެސް ކަންތައް ކުރެއްވީ ހަމަ މިގޮތަށެވެ. ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ޖަލަށް ފޮނުއްވިއެވެ. އަދި ނަވާޒް ޝަރީފުގެ ކޮއްކޯފުޅު ޝާހުބާޒް ޝަރީފުވެސް ޖަލަށްލެއްވިއެވެ. ކޮންމެ ވެރިޔަކުވެސް މިކަން ކުރައްވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައެވެ. އިންސާފު ގާއިމުކުރުމުގެ ނަމުގައެވެ. ނަވާޒް ޝަރީފުގެ ވެރިކަމުގައި އޭނާއެވެ. ބޭނަޒީރު ބުއްޓޫގެ ދައުރުގައި އެކަމަނާއެވެ. އެއްވެސް ވެރިޔަކު އިސްތިސްނާވުމެއް ނެތެވެ. މި ބަލިމަޑުކަމަކީ ހަމައެކަނި ޕާކިސްތާނުގައި އޮތްކަމެއް ނޫނެވެ. މިއީ މުޅި ދެކުނު އޭޝިޔާގައިވެސް އޮތް ބަލިމަޑުކަމެކެވެ. މި ސަރަހައްދުން ގައުމެއް އިސްތިސްނާ ވަންޏާ އެގައުމަކީ ބޫޓާނެވެ. ދެން އެންމެންވެސް ތިބީ އެއްހާލެއްގައެވެ.

އިމްރާން ޚާން ޖަލަށްލައިފައި އެވަރުން އަދި ފުއްދައިލީއެއް ނޫނެވެ. ގާނޫނުއަސާސީން އޭނާއަށް ކަށަވަރުކޮށްދޭ ހައްގުތައްވެސް ޖަލުގައި ވަނީ ނިގުޅައިގެންފައެވެ. ޕްރައިވެޓްކޮށް އާއިލާގެ ޑޮކްޓަރަކަށް ނުދެއްކެއެވެ. ގެއިން ފަރިއްކޮޅެއް ނުލިބެއެވެ. އާއިލީ ވަގުތުކޮޅެއް ނުލިބެއެވެ. ޖަލުގައި އެގެންގުޅެނީ އެންމެ އާދައިގެ ކުށްވެރިންނާއެކުގައެވެ. ކިޔަވައިގެންތިބި މީހުންނާއި ގައުމަށް ކާމިޔާބު ހޯދައިދީފައިތިބި މީހުންނާއި ބޮޑެތި މަގާމުތައް އަދާކޮށްފައިވާ މީހުންނަށް ޖަލުގައި ޚާއްސަ އިމްތިޔާޒުތަކެއް ދިނުން ގާނޫނުން ލާޒިމުކުރެއެވެ. އެކަމަކު މިއިން އެއްވެސް އިސްތިސްނާއެއް އިމްރާނަކަށް ނެތެވެ. އޭނާގެ ސަޕޯޓަރުން ދެކޭގޮތުގައި ޖަލުގައި ބާއްވައިގެން ވިހަދީގެން ލަސް އަދި ވޭންލިބެނިވި މަރަކުން އިމްރާނުގެ ދުވަސް ދުއްވައިލުމަކީވެސް ވެދާނެ ކަމެކެވެ. އޭނާގެ ހަތުރުންގެ ރޭވުމަކީ އެއީ ކަމަށްވެސް ވެދާނެއެވެ.

ބަންގްލަދޭޝްގައިވެސް އައު ސަރުކާރެއް އަތުވެއްޖެނަމަ އެންމެ އަވަހަށް ކުރާކަމަކީ ކުރީގެ ވެރިޔާ ޖަލަށްލުމެވެ. ޖެނެރަލް ހުސައިން މުހައްމަދު އިރުޝާދު ޖަލަށްލެވުނީ އެގޮތުންނެވެ. އަދި މިހާރުގެ ބޮޑުވަޒީރު ޝައިޚު ހަސީނާގެ ވެރިކަމުގައި 2018 ވަނަ އަހަރު ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިއާ ފަސް އަހަރަށް ޖަލަށް ލެވުނީވެސް އެގޮތުންނެވެ. އަދި ފަޚުރުއްދީން އަހުމަދުގެ ވެރިކަމުގެ ދުވަސްވަރު ޝައިޚު ހަސީނާ ޖަލަށް ލެވުނީވެސް މިގޮތުންނެވެ. އެންމެންވެސް ކުރަނީ ހަމަ އެއްދައުވާއެކެވެ. ކޮރަޕްޝަނުގެ ދައުވާއެވެ. ކޮރަޕްޝަނުގެ ދައުވާއަކީ ސިޔާސީ ހަތުރުން ހިފައި ހައްޔަރުކޮށް ޖަލަށްލުމަށް ބަންގްލަދޭޝްގެ ހަމަ ކޮންމެ ސަރުކާރަކުންވެސް ބޭނުންކުރި އަދި ބޭނުންކުރާ ހަތިޔާރެކެވެ. ޝައިޚް ހަސީނާއެއް، ބޭގަމް ޚާލިދާ ޒިޔާއެއް، އެހެން ލީޑަރެއް އިސްތިސްނާ ވުމެއް ނެތެވެ.

ސިޔާސީ ވާދަވެރިން ހިފައި ހައްޔަރުކޮށް ކޮރަޕްޝަނުގެ ކުލަ ޖައްސައި ސިޔާސީ ދައުވާތައްކޮށް ފަނޑިޔާރުގެޔަށް އުނދުޅި ބާނައިގެން ސިޔާސީ ވާދަވެރިން ޖަލަށްލުމަކީ ފަހަކަށް އައިސް ސްރީލަންކާގައި ވަރަށް ބޮޑަށް ތައްކަތު ވެފައިވާ ކަމެކެވެ. އެކަމަކު އަދިވެސް ދޭތެރެޔަކުން މި ބަލިގަނޑު ހިލިގަނެއެވެ. ކުރީގެ ރައީސުންގެ ތެރެއިން ޖަޔަވަރުދަނާ އާއި ޕްރެމަދާސަ ވެރިކަން ކުރެއްވީ ސިޔާސީ ވާދަވެރިން ޖަލަށްލައިގެންނެވެ. އެންމެފަހުން މިމަގުން ކުރިއަށް ވަޑައިގެންނެވި ރައީސަކީ މަހިންދަ ރާޖަޕަކްސާއެވެ. އޭނާ ވަނީ 2010 ވަނަ އަހަރުގެ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ކުރީގެ ޖެނެރަލް ސަރަތު ފޮންސޭކާ ހައްޔަރު ކުރައްވައިފައެވެ. ގައުމަށް ޣައްދާރުވުމުގެ ކުށުގައެވެ. ޖެނެރަލް ފޮންސޭކާގެ ކުށަކީ ރައީސް ރާޖަޕަކްސާޔާ ވާދަކުރެއްވުމެވެ. އޭނާގެ ސަރުކާރާ ދެކޮޅުވުމެވެ. އެހެންވީމާ ދެން ބަރިބަރިޔަށް ދައުވާ އުފުލައި ޖަލަށްލެވުނީއެވެ.

ބައެއް މީހުން ހީކުރުން އެކަށީގެންވެއެވެ. ފެށުނީއްސުރެ އިންޑިޔާގައި އޮންނަ ޑިމޮކްރަސީގެ ވަރުގަދަކަމުން ސިޔާސީ ހަތުރުން ޖަލަށްލުމަކީ އިންޑިޔާގައި ނުކުރެވޭނޭ ކަމެކެވެ. ނުކުރާ ކަމެކެވެ. ތެދެކެވެ. އިންޑިޔާގައި ޑިމޮކްރަސީ އެބައޮތެވެ. ބާރުތައްއޮތީ ވަކިކުރެވިފައެވެ. މުއައްސަސާތައް ވަރުގަދައެވެ. އެކަމަކުވެސް ސިޔާސީ ހަތުރުން ޖަލަށްލުމަށް ބައެއް ސަރުކާރުތަކުން މަސައްކަތްކޮށްފައިވެއެވެ. ސަރަހައްދީ ލެވެލްގައެވެ. ގައުމީ ލެވެލްގައެވެ. ސްޓޭޓް ލެވެލްގައި މިކަމުގެ މިސާލުތައް ޓެމިލްނާޑޫ ސްޓޭޓުން ވަރަށް ގިނައިން ފެނިފައިވެއެވެ. މިކަމުގެ އެންމެ ސާފު މިސާލެއް ގައުމީ ލެވެލްގައި ފެނިފައިވަނީ މޮރާޖީ ދެސާއީގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރު 1977 ގައި ކުރީގެ ބޮޑުވަޒީރު އަދި އޭގެފަހުންވެސް ބޮޑުވަޒީރުކަން ކުރެއްވި އިންދިރާ ގާނދީ ޖަލަށްލުމުގެ ހާދިސާއިންނެވެ.

މޮރާޖީ ދެސާއީގެ ޖަނަތާ ޕާޓީގެ ސަރުކާރަށް އިންދިރާ ގާނދީ ޖަލުގައި ނުބެހެއްޓުނީ އެކަމަނާގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތުތައް ފަނޑިޔާރުގޭގައި ސާބިތުކޮށްނުދެވުމާއި ފަނޑިޔާރުގެޔަށް އުނދުޅި ބޭނުމުގެ ފުރުސަތު ބޮޑުވަޒީރު މޮރާޖީ ދެސާއީއަށް ލިބިވަޑައި ނުގަތުމުންނެވެ. އިންދިރާ ގާނދީ ޖަލަށްލުމަކީ މޮރާޖީ ދެސާއީއަށް ހެއްދެވުނު އެންމެ ބޮޑު ސިޔާސީ ގޯސްކަމަށްވެސް ވިއެވެ. އެކަން ވެގެންދިޔައީ އިންދިރާ ގާނދީގެ ކޮންގްރެސް ޕާޓީ އަލުން ވެރިކަމަށް އަންނަން ކޮށައިދެވުނު މަގަކަށެވެ. ދާދިފަހުން އިހަކަށް ދުވަހު އިންޑިޔާގެ އެންމެބޮޑު އިދިކޮޅު ލީޑަރު ރަހޫލް ގާނދީ ދެއަހަރަށް ޖަލަށްލުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަމިއްލަފުޅު ސްޓޭޓް ކަމަށްވާ ގުޖަރާތުގެ ސަރަހައްދީ ކޯޓަކުން ކުރި ހުކުމަކީވެސް މިޒާތުގެ ސިޔާސީ ހުކުމެކެވެ. ޕާލަމެންޓުގައި ރަހޫލް ގާނދީގެ ގޮނޑި ގެއްލުވައިލުމަށްޓަކައި ފަރުމާކުރެވުނު ހުކުމެކެވެ.