• މަޑަގަސްކަރައިން މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ކުލަގަދަ ސަގާފީ ހަރަކާތްތަކަކާއެކު މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) މިރޭ ފަށައިފިއެވެ.

މަޑަގަސްކަރައިގެ މަހާމަސީނާ މުނިސިޕަލް ސްޓޭޑިއަމްގައި މިއަހަރުގެ އައިއޯއައިޖީގެ ފެށުން މިރޭ ކުރިއަށް ގެންގޮސްފައިވަނީ ސަގާފީ ނެށުންތަކާއި މަޑަގަސްކަރައިގެ ހާއްސަކަން ދައްކުވައިދޭ ހުށަހެޅުންތަކުގެ އިތުރުން ޑްރޯން އަދި ލޭސާ ޝޯއަކާވެސް އެކުގައެވެ. މިރޭގެ އިވެންޓުގައި މަޑަގަސްކަރައިގެ ރައީސް އަންދްރޭ ރަޖޮއެލީނާގެ ދެކަނބަލުންނާއި އައިއޯއައިޖީ 2023ގައި ވާދަކުރާ ގައުމުތަކުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މަޑަގަސްކަރައިގެ އިތުރުން ބައެއް އެހެން ގައުމުތަކުގެ ރައީސުންވެސް މިރޭގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވާ އިރު، ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުލް ސައްތާރާއި އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ ތަމޫހް އަހުމަދު (ތަމޫ) ވެސް މިއަދުގެ ފެށުމުގެ އިވެންޓުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

މިރޭގެ ފެށުމުގެ ރަސްމިއްޔާތުގައި މިއަހަރުގެ އައިއޯއައިޖީގައި ވާދަކުރާ ހަތް ގައުމުގެ އެތުލީޓުންނާއި އޮފިޝަލުން ހިމެނޭ ކޮންޓިޖެންޓުތަކުން އެގައުމުތަކުގެ ދިދަ ވިހުރުވާލައި ޕެރޭޑްގައި ބައިވެރިވެފައިވެއެވެ. ރާއްޖޭގެ ކޮންޓިޖެންޓްގެ ދިދަ ވިހުރުވާލަ ދިނީ 2019 ވަނަ އަހަރު އައިއޯއައިޖީގައި ރަން މެޑަލް ހޯދި ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއާއި ޓެނިސް ކުޅުންތެރިޔާ އަބްދުﷲ ފާއިހް ފަޒީލް (ފާއީ) އެވެ.

މިއަހަރުގެ އައިއޯއައިޖީގައި ބައިވެރިވާ ގައުމުތަކަކީ ރާއްޖޭގެ އިތުރުން މޮރިޝަސްއާއި، ކޮމޮރޮސް، މަޔޮޓޭ، ރިޔޫނިއަން އަދި ހޯސްޓް މަޑަގަސްކަރަ އާއި ސީޝެލްސްއެވެ. ޖުމުލަ 2000 އަށްވުރެ ގިނަ އެތުލީޓުން މިއަހަރު 17 ކުޅިވަރެއްގައި ވާދަކުރާ އިރު، ރާއްޖެއިން ވާދަކުރަނީ ނުވަ ކުޅިވަރެއްގައެވެ.

އެއީ އެތުލެޓިކްސް، ޓޭބަލް ޓެނިސް، ޓެނިސް، ވޮލީބޯޅަ، ބާސްކެޓްބޯޅަ، ހޭންޑްބޯޅަ، ޓައެކްވަންޑޯ، ސްވިމިން އަދި ބެޑްމިންޓަނެވެ. ޖުމުލަ 176 އެތުލީޓުން މިފަހަރު އައިއޯއައިޖީގައި ރާއްޖެ ތަމްސީލުކުރާ އިރު، 2019 ވަނަ އަހަރަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދަން ބޮޑު އިތުބާރެއް ރާއްޖެއަށް އެބައޮތެވެ.