ފުޓްސަލް

ޓެކާސްއިން ފުޓްސަލް އެކަޑެމީއެއް ފަށަން ނިންމައި، ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ކުޅިވަރު އިވެންޓުތައް އިންތިޒާމުކޮށް ހިންގާ ޓެކާސްއިން އަމިއްލަ ފުޓްސަލް އެކަޑެމީއެއް އިއުލާނުކޮށް، ބައިވެރިވާން ފުރުސަތު ހުޅުވާލައިފިއެވެ.

ޓެކާސްއިން މިއަދު އިއުލާނުކޮށްފައިވާ ގޮތުގައި އެކަޑެމީގެ ރަސްމީ ތަމްރީނުތައް މިމަހުގެ 26 ވަނަ ދުވަހު ފަށާނެއެވެ. ކުޑަ ހެންވޭރު ދަނޑުގައި އެކަޑެމީގެ ފަރިތަކުރުންތައް ކުރިއަށްގެންދަން ޓެކާސްއިން ނިންމާފައިވާ އިރު، އެކަޑެމީގެ އަމާޒެއް ކަމަށް ކަނޑައަޅާފައިވަނީ ފުޓްސަލްގެ ޒުވާން އާ ޖީލެއް ނެރުމެވެ. އަދި ފުޓްސަލްގެ ހުނަރުތައް ދައްކާލުމަށް ބޭނުންވާ ކުދިންނަށް އެކަމަށް ރަނގަޅު ޕްލެޓްފޯމެއް ގާއިމުކޮށްދިނުމަކީވެސް ޓެކާސްގެ އަމާޒެކެވެ.

ޓެކާސްއަކީ ފުޓްސަލްގެ ކާމިޔާބު ހަރަކާތްތަކެއް މިހާރުވެސް ހިންގަމުންދާ އޮގަނައިޒޭޝަނެކެވެ. އެގޮތުން 2020 ވަނަ އަހަރުވެސް ކާމިޔާބު ތިން މުބާރާތެއް ޓެކާސްއިން ވަނީ ބާއްވައިފައެވެ. އެއީ ޓެކާސް ގްރޭޓާ މާލެ ކަޕްގެ އިތުރުން ޓެކާސް މޯލްޑިވްސް ކަޕާއި ޓެކާސް ރިސޯޓު ކަޕެވެ. މިހާރުވެސް ޓެކާސްއިން ދަނީ ކާމިޔާބުކަމާއެކު ރިސޯޓު ކަޕްގެ ދެވަނަ އެޑިޝަނެއް ކުރިއަށްގެންދަމުންނެވެ.

ޓެކާސްގެ ފުޓްސަލް އެކަޑެމީއާ ގުޅޭ އިތުރު މައުލޫމާތު، 7944222 އަށް ގުޅާލުމުން ލިބިގެންދާނެއެވެ.