ޖަނގިޔާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް ރަން އެތެރެކުރި އިންޑިއާ ދެ މީހުންގެ މައްޗަށް ރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރުމުގެ ކުށް ސާބިތުވެ އެ ތަނުން ކޮންމެ މީހަކު 80،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ހުސްވި ޖުލައި މަހުގެ 22 ވަނަ ދުވަހު ރާއްޖެ އައި އިންޑިއާގެ ފިރިހެން މީހާ ކަމަށްވާ އަލްތޯފް އަސްލަމާއި އަންހެން މީހާ ރޭހާނާ އަލްތޯފް ސެލިޔާގެ ކުރިމަތި ފަރާތާ ދިމާލުގައި އެއްޗެއް ފޮރުވާފައި ހުރިކަން ކަސްޓަމް އޮފިސަރުންނަށް ފާހަގަވީ، އެއާޕޯޓުން ކުރި ސްކޭނުންނާއި ބޮޑީ ރަބްޑައުން ކުރުމުންނެވެ.
އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ފޮރުވާފައި ހުންނާނެތޯ އެ ދެ މީހުންނާ ސުވާލު ކުރުމުން އެ ދެ މީހުން ވަނީ، ލައިގެން ހުރި ޖަނގިޔަލުގެ އަޑިން ލައިގެން ހުރި އެހެން ޖަނގިޔަލެއްގެ ތެރޭގައި ރަން ހުންނާނެ ކަމަށް ބުނެފައެވެ. އެހެންވެ އެ މީހުން ލައްވައި ޖަނގިޔާތައް ބާލުވައިގެން ބަލައި ފާސްކުރި އިރު، އަޑިން ލައިގެން ހުރި ޖަނގިޔަލުގައި އިން ޖީބެއްގެ ތެރޭފައި ރަން ޕޭސްޓް އަޅާފައިވާ ދެ ޕެކެޓް ރައްކާކޮށްފައި ހުއްޓާ ވަނީ ފެނިފައެވެ.
މި މައްސަލައިގެ ތަހުގީގުގައި މި ދެ މީހުން އެ ތަކެތި އެތެރެކުރި ކަމަށް ވަނީ އިއުތިރާފުވެފައެވެ.
އެހެންކަމުން ޕީޖީ އާއެކު އެ ދެ މީހުން ހެދި އިއުތިރާފުގެ އެއްބަސްވުމުގައި އަދަބާމެދު އެއްބަސްވެފައިވާތީ އެ ދެ މީހުންގެ މައްޗަށް، އެއިން ކޮންމެ މީހަކު 80،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްށޮށް ފަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށް އަންގައި ރާއްޖެ އެތެރެކުރި ރަން، ކަސްޓަމްސްއަށް ނެގުމަށް ވަނީ އަމުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު