ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށް ދައުވާ ކުރި މަޝްހޫރު ރެޕް އާޓިސްޓް އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 13 ފެބުރުއަރީ 2021ގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އެ ތަކެތި ބޭނުންކޮށް ގެންގުޅެ އަދި އެ ތަކެތި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޕެސްޓުގެ މައްޗަށް ކޮށްފައިވާ ކެނެބިސް ޓްރެފިކް ކުރުމާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާއާ ގުޅޭ މައްސަލައެކެވެ.

އެ މައްސަލައިގައި ޕެސްޓުގެ އިތުރުން، ލ. ގަން/ ތުނޑި، އަބަދަށް އުފާ، މުހައްމަދު ސުއައިދުގެ މައްޗަށްވެސް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އުފުލިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ލ. ގަން/ ތުނޑި، ހަނދުވަރީހިޔާ، އަހުމަދު ޝަމްއޫންގެ މައްޗަށް ކޮށްފައިވަނީ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާއެވެ. އަދި އެ މައްސަލައިގައި ހިމެނޭ ލ. ގަން/ތުނޑި، ރޯޝަންހިޔާ އަހުމަދު ހުޝާމްގެ މައްޗަށް އުފުލާފައިވަނީ ކެނިބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގެ ހާޒީ ހުސެއިން ފާއިޒު ރަޝާދު މިއަދު ހުކުމް ކުރެއްވީ، އެ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ހުށަހަޅާފައިވާ ހެކި ގަރީނާއިން އެ މީހުންގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ނުވާ ކަމަށެވެ.

އެ ދައުވާތައް ސާބިތުވި ނަމަ އުމުރަށް ޖަލަށްލުމާ އެކު 100،000 އިން ފެށިގެން 10 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ހުކުމެއް އަންނާނެއެވެ.