މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ރ. އިންނަމާދޫގައި ގާއިމުކުރަން ފެށި ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައި އިފުތިތާހުކޮށްފިއެވެ.

އިންނަމާދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް އިފުތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ދައުލަތުގެ ވަޒީރުންނާއި ފެން ކުންފުނީގެ މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، އިންނަމާދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައި ދިނުމުގެ އިތުރުން ފެން އުފެއްދުމަށްޓަކައި ފެން ޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި ރިޖެކްޓް ލައިންވެސް އަޅާފައިވާ ކަމަށެވެ.

އަދި އެ މަޝްރޫގެ ދަށުން ފެން ރައްކާކުރުމަށްޓަކައި ފެންތާންގި ބަހައްޓައި ރަށުގައި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައިވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކުރި މި މަޝްރޫއުގެ ޖުމުލަ އަގަކީ 50.77 މިލިއަން ދިވެހި ރުފިޔާއެވެ.