ބައެއް ތަންތާގެ ގައުމީ ބަތޮލުން ސިޔާސީ ސަބަބުތަކާހެދި ހީރޯއަކުން ޒީރޯއަކަށް ބަދަލުވެދެއެވެ. އެމީހެއްގެ ނަމާއި ވަހާއި ކުލަވެސް ތާރީޚުގެ ތެރެއިން ފޮހެލާން ޖެހިދެއެވެ. ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް މިހާރު ދިމާވެފައިވަނީ މިކަހަލަ ގޮތެކެވެ. ޕާކިސްތާނުގެ މިނިވަން ދުވަސް މި އޮގަސްޓް ސާދަވަނަ ދުވަހު ފާހަގަކުރިއިރު އެދުވަހާ ގުޅުވައިގެން ޕާކިސްތާނުގެ ކުރިކެޓުގެ މައްޗަށް އެތާގެ ކުރިކެޓް ބޯޑުން ޚާއްސަ ވީޑިއޯއެއް ނެރުނެވެ. އެ ވީޑިއޯއިން އިމްރާން ޚާނު ވަނީ އުނިކޮށްފައެވެ. މިއީ 1952 ވަނަ އަހަރު ބައިނަލްއަގުވާމީ ކުރިކެޓަށް ޕާކިސްތާނު ނުކުތްފަހުން އެގައުމުގެ ކުރިކެޓްގެ އުސްއަލިތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯއެކެވެ. އިމްރާނަކީ ޕާކިސްތާނުގައި އުފެދުނު އެންމެ މޮޅު ކުރިކެޓް ކުޅުންތެރިޔާކަމަށްވެފައި އޭނާ އުނިކުރުމަކީ ވަރަށް ގިނަބަޔަކު ރުޅިއައި ކަމެކެވެ.
ޕާކިސްތާނުގެ ކުރިކެޓުގެ އުސްއަލިތަކުން އިމްރާން ޚާން އުނިކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެއީ އެގައުމުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ. އެންމެ ކާމިޔާބު ކެޕްޓަނެވެ. އެހެން އެއްވެސް ކުޅުންތެރިއަކަށް ކައިރިކުރެވޭވަރަށްވުރެވެސް އޭނާގެ މަގާމު އުހެވެ. ބައިނަލްއަގުވާމީ ގޮތުންވެސްމެއެވެ. އިމްރާނުގެ ރަންޒަމާނުގައި އުކުމާއި ބެޓިންގައި އެވަރުގެ އެހެން މީހަކު ދުނިޔޭގައިވެސް ނެތެވެ. ތަފާސްހިސާބުތަކުން އެކަން ކަށަވަރުވެސްވެއެވެ. ޕާކިސްތާނަށް އައިސީސީ ކުރިކެޓް ވޯލްޑްކަޕް 1992 ވަނަ އަހަރު ކާމިޔާބުކޮށްދިނީވެސް އިމްރާން ޚާނުގެ ކެޕްޓަންކަމުގެ ދަށުގައި އޭނާއެވެ. އާޖެންޓީނާއަށް 1986 ގެ ފީފާ ވޯލްޑްކަޕް މަރަޑޯނާ ކާމިޔާބުކޮށްދިން ބީދައިންނެވެ. އެކަމަކުވެސް ޕާކިސްތާނުގެ ކުރިކެޓްގެ އުސްއަލިތަކުގެ ތެރޭގައި އޭނާ ހިމަނަން ބައެއް މީހުން މިހާރު ބޭނުމެއް ނުވިއެވެ.
އިމްރާން ޚާން ކުރިކެޓުން ރިޓަޔަރކުރީ ވޯލްޑްކަޕް ކާމިޔާބުކުރުމަށްފަހު 1992 ގައެވެ. ދެން އޭނާ ނުކުތީ ސިޔާސީ ދާއިރާއަށެވެ. ޕާކިސްތާނުގެ ބޮޑު ދެޕާޓީ ކަމަށްވާ މުސްލިމް ލީގާއި ޕީޕަލްސް ޕާޓީގެ ދުއްތުރާތަކުން ގައުމު މިންޖުކޮށް އިންސާފު ގާއިމުކުރުމުގެ ގޮތުން އިމްރާން އުފެއްދެވި ޕާޓީގެ ނަމަކީ ޕާކިސްތާން ތަހުރީކޭ އިންސާފް، ޕީޓީއައި އެވެ. މި ޕާޓީއާއި އިމްރާނަށް އިންތިޚާބެއް ކާމިޔާބު ކުރެވުނީ 2018 ގައެވެ. ބޮޑުވަޒީރުކަމުގައި ހަތަރު އަހަރު ހޭދަކުރެއްވުނުތަނާ 2022 ވަނަ އަހަރު ގާނޫނުހަދާ މަޖިލީހުގައި އޭނާއަށް އިތުބާރުނެތްކަމަށް ފާސްކޮށް މަގާމު ގެއްލުވައިލައިފިއެވެ. އިމްރާން ގަބޫލުކުރައްވާ ގޮތުގައި މިކަމުގެ އަޑީގައި އޮތީ އެމެރިކާއެވެ. ދެން މުސްލިމް ލީގާއި ޕާކިސްތާން ޕީޕަލްސް ޕާޓީއެވެ. އިމްރާނުގެ މި ވިދާޅުވުންތަކުގެ ހެކިވެސް ފަހުން ވަނީ ފެނިފައެވެ. ލިބިފައެވެ.
އިމްރާން ޚާނުގެ ވެރިކަން ނިމުމަކަށް ގެނެސް މުސްލިމް ލީގާއި ޕީޕަލްސް ޕާޓީ ގުޅިގެން ކޯލިޝަނެއް ހަދައި ދެން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ އިމްރާނުގެ އެންމެ ބޮޑު ސިޔާސީ ހަތުރު ކަމަށްވާ ނަވާޒު ޝަރީފުގެ ކޮއްކޮ ޝާހުބާޒު ޝަރީފެވެ. އައު ސަރުކާރުގެ މަގުސަދަކަށްވީ އިމްރާނުގެ އަގުވައްޓާލައި ބަރިބަރިޔަށް ކޮރަޕްޝަނުގެ ދައުވާތައް އުފުލައި ޖަލަށް ލުމެވެ. އެއްވެސް ދައުވާއެއް ސާބިތުނުވިޔަސްމެއެވެ. މިހިނގާ އޮގަސްޓް މަހުގެ ތެރޭގައި އިމްރާނުގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް އަހަރަށް ސިޔާސީ ކަންކަމުގައި އުޅުންވަނީ މަނާކޮށްފައެވެ. އުމުރުފުޅުން 70 އަހަރުވީ އިމްރާނުގެ ސިޔާސީ ކެރިއަރު މިދެންނެވި ބީދައިން މިވަގުތު އެއޮތީ ކަސްތޮޅު އަޅުވައިފައެވެ. އިމްރާނަށް މިއަހަރުގެ ފަހުކޮޅު ބާއްވާ އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.
ޕާކިސްތާނުގެ އިންތިޚާބުން އިމްރާން ޚާން ގެއްލުވައިލި ގޮތަށް ސަރުކާރުގެ އަމާޒަކަށްވީ ކުރިކެޓް ބޯޑު މެދުވެރިކޮށް ޕާކިސްތާނުގެ ކުރިކެޓްގެ އުސްއަލިތަކުންވެސް އިމްރާން ޚާން ގެއްލުވައިލުމަށެވެ. ޝާހުބާޒް ޝަރީފާއި ބިލަވާލް ބުއްޓޫމެން ނެތް ވީޑިއޯއެއްގައި އިމްރާން ޚާންވެސް ހުރެގެން ނުވާނެތާއެވެ. އެމީހުންނަށް ނުލިބޭ ޝަރަފަކާއި އިއްޒަތެއް އިމްރާނަކަށްވެސް ލިބިގެން ނުވާނެތާއެވެ. މައިގަނޑު ވިސްނުމަކީ މިއީއެވެ. މިކަމާ ޕާކިސްތާނުގެ ރައްޔިތުންވަނީ އިންތިހާއަށް ރުޅިއައިސްފައެވެ. ކުޅިވަރުގެ ނޫސްވެރިން ބުނެއެވެ. އިމްރާން ޚާންގެ ނަން އުނިކޮށްގެން ކުރިކެޓްގެ ވާހަކައެއްވެސް ނުދެއްކޭނެއެވެ. މިކަމުން ދައްކައިދެނީ ކުރިކެޓް ބޯޑަށް ސަރުކާރުގެ ނުފޫޒު ވަދެފައިވާ މިންވަރާއި މުސްތަގިއްލުކަން ގެއްލިފައިވާ މިންވަރެވެ. އާޚިރުގައި އަގުވެއްޓުނީ ސަރުކާރުގެއެވެ. ކުރިކެޓް ބޯޑުގެއެވެ.
ޕާކިސްތާނުގެ ކުރިކެޓްގެ ތާރީޚުން އިމްރާން ޚާންގެ ނަން އުނިކުރުމަކީ ޕާކިސްތާނުގެ ގައުމީ ތާރީޚުން އެގައުމުގެ ބާނީ މުހައްމަދު އަލީ ޖިނާހުގެ ނަންފުޅު އުނިކުރުންފަދަ ކަމެކެވެ. ރުޅިއަޔަސް، ހަސަދަވެރިވިޔަސް، އަދި އެހެން ކަމެއްވިޔަސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ކުރަން ދިމާކޮށްގެންވާނޭ ކަމެއްވެސް ނޫނެވެ. އެކަމަކު މިޒާތުގެ ކަންކަމަކީ ތިންވަނަ ދުނިޔޭގެ ބައެއް ގައުމުތަކުގައި ސިޔާސީ ބައެއް މީހުން ކުރަން ދިމާކުރާ ކަމެކެވެ. ބައެއް ފަހަރު ގައުމުތަކުގެ މިނިވަންކަމުގެ ބަތޮލުންވެސް ތާރީޚުން ގެއްލުވައިލާން މަސައްކަތް ކުރެއެވެ. މިކަހަލަ ކަންކަން ވަރަށް ގާތުންނާއި ދުރުންވެސް ފެނެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމުގެ ބަތޮލު އިބްރާހިމް ނާސިރުގެ ނަންފުޅުވެސް 1980 ގެ އަހަރުތަކުގެ ތެރޭގައި ދިވެހި ތާރީޚުން ގެއްލުނެވެ. އެވެސް މިޒާތުގެ ކަމެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ