ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލުގައި އޮންނަވަން ޖެހެނީ ސިޔާސީ ސަބަބަކާ ހެދި ނޫން ކަމަށާއި އެމަނިކުފާނު އަމިއްލަފުޅަށް ހެއްދެވި ގާނޫނުގެ ދަށުވެ، ކޯޓުން ސާބިތުވެގެން ޖަލަށް ވަޑައިގަންނަވަން ޖެހުނީ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި މިރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ މި ސަރުކާރުން ސިޔާސީ އެއްވެސް މީހަކު ޖަލަށް ލާފައިނުވާނެ ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުގައި ހިނގި ފަދަ ކަންކަން މިއަދު ހިނގަމުންދިޔަ ނަމަވެސް، އެގޮތަށް އަމަލުނުކުރާ ކަމަށެވެ.

"މިއަދު މަޖިލިސް ހިންގުން ހުއްޓާލައިގެން ރައީސް ނުކުމެވަޑައިގެން އެބޭފުޅުން ޖަލަކަށް ނުލައްވައޭ. ކޯޓުން ނުބައި ހުކުމެއް ނުކުންނާތީ ރައީސް ނުކުމެވަޑައިގެން ޖަލަކަށް ނުލައްވައޭ. ބައެއް ބޭފުޅުންނަށް ފައިސާދީގެން، ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅޭތީ ޖަލަކަށް ނުލައްވައޭ. މިއީ ނޫންތޯ ކުރީގައި ޔާމީން ނުކުންނަވައި، އަޅުގަނޑުމެން އެންމެން ޖަލަށް ލެއްވި ސަބަބަކީ. މިއަދު އެބޭފުޅާ ޖަލުގައި އޮންނަވަން ޖެހުނީ ސިޔާސީ ސަބަބަކާ ހުރެއެއް ނޫން. ދިގު މުއްދަތަށް އެހެން މީހުން ޖަލަށް ލާން ވެގެން އެބޭފުޅާ އަމިއްލައަށް ހެއްދެވި ގާނޫނުގެ ދަށުވެ، ކޯޓުގައި ރަނގަޅަށް އެކަން ސާބިތުވެގެން ޖަލުގައި އެ އޮންނެވީ،" މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސް ނުވަތަ ހޯމް މިނިސްޓަރަށް އަންގަވައިގެން އެއްވެސް ބޭފުޅަކު ހައްޔަރުކުރަން ރައީސް ސޯލިހު ނާންގަވާނެ ކަމަށާއި އެމަނިކުފާނު އަމަލުކުރައްވަމުން ގެންދަވަނީ އޭރު ކަންތައް ކުރި ގޮތަށް ނޫން ކަމަށެވެ. އަދި ރައީސް ސޯލިހުގެ ކިބައިގައި ހުރީ އަނިޔާވެރިނުވެ، ހެޔޮ ވެރިކަމެއް ކުރުމުގެ ސިފަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހެޔޮ ވެރިކަމެއްގެ އަދުލުވެރިކަމަށްފަހުގައި އޮތް އެންމެ މަތިވެރި ދެވަނަ ސިފައަކީ ފުރިހަމައަށް މަޝްވަރާކުރުން، ފުރިހަމަ މަޝްވަރާއެއް ގެންދިއުން. މިހާރު ނުކުމެވަޑައިގެން މި އުޅުއްވާ ކެންޑިޑޭޓުންނާ ދޭތެރޭ އަޅުގަނޑު ވަރަށް ވިސްނައިފިން. ހާއްސަކޮށް މަޝްވަރާކުރުމުގެ މައްސަލައިގައި. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޮޑުކަމަކާ، ދަތިކަމަކާ، އުނދަގޫކަމަކާ މަޝްވަރާކުރުމަށް ކެބިނެޓު އެ ގެންދަވާ ގޮތަށް އެންމެ ކެބިނެޓު މީޓިންއެއް ނުގެންދެވޭނެކަން އަޅުގަނޑަށް ޔަގީންކަން އެބައޮތް ދެން ތިއްބެވި ކެންޑިޑޭޓުންނަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ މާލޭ ސިޓީން ގޯތި ދިނުމުގައި ވެސް ރައީސް ގެންގުޅުއްވީ އަދުލުވެރިކަމާއި ހަމަހަމަކަމުގެ އުސޫލު ކަމަށާއި އެގޮތުން އިދިކޮޅުގެ އިސް ބޭފުޅުންގެ އާއިލާ މެންބަރުންނަށް ވެސް ގޯތި ލިބިފައިވާ ކަމަށެވެ.