- ބ. ކުޑަރިކިލުން އަލީ އަފާފު ރަމީޒް
ކުރީގެ ރައީސް އަބްދުﷲ ޔާމީން، ދައުލަތުގެ ފައިސާ އަމިއްލަފުޅު ޖީބަށް ލެއްވުމުން، އެކަން ބަލައި ކޯޓުން ހުކުމް ކުރުމުން، އިދިކޮޅު ފަރާތްތައް އެމަނިކުފާނު ދޫކޮށްލަން އެދުނަސް އެކަން ނުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭނަށް މިރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުން ބަޖެޓުގައި ޕީއެސްއައިޕީއަށް ބޮޑު އަދަދެއް ޖެހި ނަމަވެސް ބޭނުން ކުރަން ނޭނގޭ ކަމަށެވެ. އެކަމުގެ ސަބަބުން މަޝްރޫއުތައް ކުރިއަށް ނުގެންދެވިފައިވާ ކަމަށެވެ.
މި ސަރުކާރުން އެކަން ބަދަލުކޮށް، ދިވެހި ކުންފުނިތަކަށް މަޝްރޫއުތައް ދީގެން ގިނަ ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެކަން ކުރަން ހަމައެކަނި އެނގެނީ މި ސަރުކާރަށް ކަމަށާއި އިދިކޮޅު ފަރާތްތަކަށް އެކަން އަދިވެސް ދަސްނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ދައުލަތަށް ލިބެންހުރި ފައިސާ ގޮސް އަމިއްލަ އެކައުންޓަށް ލީމަކާ ފައިސާއެއްވެސް ނުހުންނާނެ. ދެން އެކަންތައްތައް ބެލީމާ ބަލާފައި ކޯޓުން ނިންމީމާ، މި ބުނަނީ ދޫކޮށްލާށޭ. އެ ކިހިނެއްތޯ އެކަން އަޅުގަނޑު ކުރާނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޯޓުތައް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އެމަނިކުފާނަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވޭނެ ފަރާތެއް ނޫން ކަމަށާއި މިނިވަންކަމާއެކު ޝަރުއީ ދާއިރާގެ މަސައްކަތް ކުރެވެން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ޝަރުއީ ދާއިރާ ހިނގާނީ މިނިވަންކަމާ އެކު ކަމަށާއި އެއީ ހެޔޮވެރިކަމެއްގެ އެއް ސިފަ ކަމަށެވެ.
ރައީސް ވިދާޅުވީ ވެރިއަކަށް ހުންނަ މީހަކަށް ވަރަށް ބޮޑެތި ބާރުތައް ލިބިގެންވާ ކަމަށެވެ. އެގޮތުން ޓިނު ނެގޭނީ ސުޕްރީމް ކޯޓުގެ ފުރާޅުން އެކަނި ނޫން ކަމަށާއި ހުރިހާ ކޯޓަކުންވެސް ޓިނު ނެގޭނެ ކަމަށެވެ.
އެމަނިފާނަކީ އެ ބާރުތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ކުރާނެ ބޭފުޅެއް ނޫން ކަމަށާއި އެ ބާރުގެ ބޭނުން ހިތު ހުރި ގޮތަކަށް ކޮށްފިނަމަ، ގައުމު ވެއްޓޭނީ ހަމަނުޖެހުމުގެ ތެރެއަށް ކަމަށާއި ސުލްހަ އާއި ހަމަޖެހުން މިހާރު ލިބިފައިވަނީ އެ ބާރުގެ ބޭނުން ނުކުރުމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު