ރާއްޖޭގެ ސިޔާސީ އިސްލާހީ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރެއްވި އަހުމަދު އިބްރާހީމް ދީދީ (ސަންދާން އަހަންމައިދީ) ނިޔާވެއްޖެއެވެ.
އައްޑޫ ސިޓީގެ ހުޅުދޫއަށް ނިސްބަތްވާ ސަންދާން އަހަންމައިދީ ނިޔާވީ ހިތުގެ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުން ރޭ ދަންވަރުގެ ވަގުތެއްގައެވެ. ނިޔާވިއިރު އޭނާގެ އުުމުރަކީ 72 އަހަރެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އަހަންމައިދީ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.
ސަންދާން އަހަންމައިދީ ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރައީސް އޮފީހުގެ ހިއުމަން ރައިޓްސް އެމްބެސެޑަރުކަން ކުރައްވާފައެވެ.
ސަންދާން އަހަންމައިދީއަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެއަށް އިސްލާހީ ބަދަލުތަކެއް ގެނައުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އެގޮތުން އޭރު ސަރުކާރާ ދެކޮޅަށް "ސަންދާން"ގެ ނަމުގައި މަޖައްލާއެއް ނެރުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކީވެސް އަހަންމައިދީއެވެ.
މައުމޫންގެ ވެރިކަމުގައި 7 ޖުލައި 2002 ވަނަ ދުވަހު ސަންދާން އަހަންމައިދީ އާއި ސަންދާން ނޫހުގައި އިސްކޮށް އުޅުނު އެންމެން އުމުރަށް ޖަލަށްވެސް ލިއެވެ. އެއީ ރައީސް މައުމޫނާއި ދައުލަތުގެ ބައެއް އިއްޒަތްތެރިންގެ އަނބުރާ ބެހި ސަންދާނު ނޫހުން ކުރިކަމަށް ބުނާ އީމެއިލްތަކާ ގުޅިގެންނެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އޭރުގެ އިދިކޮޅުން ހިންގި ހަރަކާތުގައިވެސް އަހަންމައިދީ އިސް ދައުރެއް އަދާ ކުރައްވާފައިވެއެވެ. އެ ސަރުކާރު ގައިވެސް އެކި ފަހަރުމަތިން އޭނާ ހައްޔަރުކޮށްފައިވެއެވެ.
އަހަންމައިދީގެ ޖަނާޒާ އޮންނާނީ އަސުރު ނަމާދަށް ފަހު ހުޅުމާލެ އާސަހަރާ މިސްކިތުގައެވެ.