ޕާކިސްތާނުގެ ވަގުތީ އައު ބޮޑުވަޒީރު އަންވާރުލް ހައްގު ކާކަރު އެކުލަވައިލެއްވި އިންތިގާލީ ކެބިނެޓުގައި އިންޑިޔާއިން އުމުރުދުވަހަށް ޖަލަށް ލާފައިވާ ކަޝްމީރުގެ ހަނގުރާމަވެރި ލީޑަރު ޔާސީން މާލިކުގެ އަނބިކަނބަލުން ހިމަނުއްވައިފިއެވެ.
ޔާސީން މާލިކަކީ އިންޑިޔާއަށް ނިސްބަތްވާ ބޭފުޅަކަށްވިޔަސް އަނބިކަނބަލުން މުޝާލް ހުސައިން މާލިކް ނިސްބަތްވެވަޑައިގަންނަވަނީ ޕާކިސްތާނަށެވެ. މުޝާލަށް ޕާކިސްތާނުގެ އިންތިގާލީ ކެބިނެޓުގެ ތެރެއިން ހަވާލުކުރެވުނީ ހިއުމަން ރައިޓްސް މިނިސްޓަރުކަމެވެ. ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި މިއީ އިންޑިޔާއަށް ރައްދެއް ދިނުމަށް އައު ބޮޑުވަޒީރު ކާކަރު ކުރެއްވި ކަމެކެވެ.
އުމުރުފުޅުން މިހާރު 57 އަހަރުވީ ޔާސީން މާލިކަކީ ކަޝްމީރު ލިބަރޭޝަން ފްރަންޓު ޖަމާއަތުގެ ވެރިޔާއެވެ. އިންޑިޔާގެ ކޯޓަކުން އޭނާ އުމުރުދުވަހަށް ޖަލަށްލުމަށް ހުކުމްކުރީ 2022 ވަނަ އަހަރުއެވެ. މުޝާލާއި ޔާސީން ބައްދަލުވީ ކަޝްމީރުގެ ހަރަކާތަށް ތާއީދު ހޯއްދެވުމަށް 2005 ވަނަ އަހަރު އޭނާ އިސްލާމްއާބާދަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ދެބޭފުޅުން ކައިވެނި ކުރެއްވީ 2009 ގައެވެ. މި ކައިވެންޏަށް އަންހެން ބޭފުޅަކުވެސް ވަނީ ލިބިވަޑައިގެންފައެވެ.
ފިރިކަލުންނާ ބައްދަލުކުރެއްވުމަށް މުޝާލް 2014 ވަނަ އަހަރުން ފެށިގެން އިންޑިޔާއަކަށް ވަޑައެއް ނުގަންނަވައެވެ. އަދި ޔާސީން މާލިކް ޖަލަށް ލެވުނުފަހުން އޭނާއާ ވާހަކައެއްވެސް ނުދެކެވެއެވެ. މުޝާލް ވިދާޅުވާގޮތުން ބައްދަލު ނުކުރެވެނީ އަދި ވާހަކަވެސް ނުދެކެވެނީ އިންޑިޔާއިން އެކަމަށް ހުރަސްއަޅާތީއެވެ. އެ ދެމަފިރިންގެ ހައްގުތައް ނިގުޅައިގެންފައިވާތީއެވެ. ޕާކިސްތާނުގެ އިންސާނީ ހައްގުތަކާބެހޭ ވަޒީރުގެ ފޮތުގައި މުޝާލަށް މި ހައްގު އަލުން ދިނުމާމެދު އިންޑިޔާއިން އަދި އެއްޗެއް ނުބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ