- ބ. މާޅޮހުން އަލީ އަފާފު ރަމީޒް
އަންނަ ދައުރެއްގައި މި ރަށުގައި ސިޓީ ހޮޓަލެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެންފިއެވެ.
ރިޔާސީ ކެމްޕޭނަށް މި ރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މި ރަށުގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ގިނަ ކަންކަން އަދިވެސް އެބަހުރި ކަމަށެވެ. އެގޮތުން ރަށަށް ބޭނުންވާ ސިއްހީ ހިދުމަތް ރަނގަޅުކުރަން ޖެހިފައިވާތީ ކުރިއަށް އޮތް ދައުރުގެ ތެރޭގައި މި ރަށުގައި އާ ސިއްހީ މަރުކަޒެއް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ އަންނަ ދައުރުގައި މި ރަށުގެ ހުރިހާ ބޮޑު މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
"މާޅޮހަކީ ހަނިފަރު ރިޒާވާ ވަރަށް ކައިރީގައި އޮންނަ ރަށަކަށް ވާއިރުގައި، މި ރަށަށް ޑައިވްކުރަން އަންނަ ޓޫރިސްޓުންނާއި ދިވެހިންވެސް ވަރަށް ގިނަ. މި ރަށަށް އަންނަ މީހުންނަށް ތިބެވޭ ގޮތަށް ސިޓީ ހޮޓަލެއް މާޅޮހުގައި އަޅައިދޭނަން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މި ރަށުގެ ސްކޫލަށް ބޭނުންވާ ކްލާސް ރޫމާއި މަލްޓި ޕާޕަސް ހޯލުތައް އިމާރާތް ކޮށްދެއްވާނެ ކަމަށާއި މި ރަށުގެ އާ ބޮޑު މިސްކިތެއްވެސް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ރަށުގެ ޒުވާނުންނަށް ފުޓްސަލް ދަނޑަކާއި ފުޓްބޯޅަ ދަނޑެއްވެސް ހަދައިދެއްވާނެ ކަމަށެވެ. އަދި ޕިކްނިކް ދާނެ ރަށެއް، އެރަށާ ކައިރިން ހަމަޖައްސައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު