އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އާސެނަލުން ކްރިސްޓަލް ޕެލެސް ބަލިކޮށްފިއެވެ.
މިދިޔަ ސީޒަނުގައި ލީގުގެ ދެވަނައިގައި ނިންމާލި އާސެނަލުން މި ސީޒަނުގެ ފެށުންވެސް ވަނީ ރަނގަޅު ކޮށްފައެވެ. މިހާތަނަށް ލީގުގައި ކުޅުނު ދެމެޗުންވެސް އާސެނަލް މޮޅުވެފައިވާ އިރު، އެޓީމުން ރޭ ރަށުން ބޭރުގައި ޕެލެސް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ހާފުގައި އާސެނަލްގެ ޓަކެހީރޯ ޓޮމިޔަސޫއަށް ދެއްކި ރަތް ކާޑާއެކު އާސެނަލުން ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންވެސް ޕެލެސް ބަލިކުރިއެވެ. އެޓީމުން ރޭ ޕެލެސް ބަލިކުރީ މާޓެން އޮޑެގާޑް ކާމިޔާބުކޮށްދިން ޕެނަލްޓީއެއްގައެވެ.
މެޗުގެ ފުރަތަމަ ހާފުގައިވެސް އާސެނަލުން ނުރައްކާކޮށް ފެނިގެން ގޮސްފައިވާ އިރު، 29 ވަނަ މިނެޓުގައި ބުކަޔޯ ސަކާ ދިން ބޯޅައިގައި އެޑީ އެންކެޓިއާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ އިތުރުން ފުރަތަމަ ހާފު ނިމެން ދަނިކޮށް އާސެނަލްގެ ކެޕްޓަން އޮޑެގާޑް ފޮނުވާލި ހަމަލާ ޕެލެސްގެ ގޯލްކީޕަރު ސޭމް ޖޯންސްޓޯން ވަނީ ޕަންޗުކޮށް ބޭރުކޮށްލައިފައެވެ.
ދެވަނަ ހާފު ފެނިގެން މާ ގިނައިރެއް ނުވެ، އާސެނަލަށް ވަނީ ޕެނަލްޓީ ލިބިފައެވެ. 51 ވަނަ މިނެޓުގައި ޕެލެސްގެ ގޯލްކީޕަރު ޖޯންސްޓޯން ކުރިއަށް ޖެހި އެންކެޓިއާ ހުއްޓުވަން މަސައްކަތްކުރި ކުރުމުގައި ފައުލް ކުރުމާއެކު ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް އާސެނަލްގެ ހަމައެކަނި ގޯލު، އޮޑެގާޑް ކާމިޔާބު ކޮށްދިނެވެ. އޭގެ ފަހުން އަށް މިނެޓުގެ ތެރޭގައި ކުރި ދެ ފައުލަށް ދެ ރީނދޫ ކާޑު ދައްކައި، ރެފްރީ އާސެނަލްގެ ޓޮމިޔަސޫ އަށް ރަތް ކާޑު ދެއްކީ 67 ވަނަ މިނެޓުގައެވެ.
މެޗުގެ ފަހުވަވުތު ކޮޅުގައި އާސެނަލް ފަހަތަށް ޕެލެސްއިން ބާރުބޮޑު ކުރި ނަމަވެސް، އެޓީމުން ވަނީ ނަތީޖާ ހިފަހައްޓާލައި ތިން ޕޮއިންޓް ޔަގީން ކޮށްފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު