މިދިޔަ ހުކުރު ދުވަހު ހަވީރު އިންޑިގޯ އެއާލައިންސްގެ ފްލައިޓަކުން ރާއްޖެއިން ބެންގަލޫރަށް ދިޔަ ދިވެއްސަކު ފްލައިޓު މަތީގައި ކެބިން ކުރޫއަކަށް ޖިންސީ ގޯނާކޮށް އެހެން ކެބިން ކުރޫއަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި އޭނާ އިންޑިއާގައި ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ނޫހެއް ކަމުގައިވާ "ނިއު އިންޑިއަން އެކްސްޕްރެސް" ނޫހުން ބުނެފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަކްރަމް އަހުމަދު 51އ އެވެ.
ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ހައްޔަރުކޮށްފައިވަނީ އަންހެނެއްގެ ކަރާމާތަށް އަރައިގަތުމުގެ ނިޔަތުގައި ގޯނާކުރުން ނުވަތަ ބާރުގެ ބޭނުން ކުރުމާއި އަންހެނެއްގެ ކަރާމާތަށް އަރައިގަތުމުގެ ނިޔަތުގައި އަނގަބަހުން އެއްޗެއް ބުނުން ނުވަތަ އަމަލުން އެކަމެއް ކުރުމުގެ ތުހުމަތުގައެވެ.
"ނިއު އިންޑިއަން އެކްސްޕްރެސް" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 3:48 ގައި ފްލައިޓް ނައްޓާލުމާ އެކު، ބަނގުރާ ދަޅަކާއި ކެޝޫނަޓު ގެނެސްދިނުމަށް 20 އަހަރުގެ ކެބިން ކްރޫއެއް ކައިރީގައި އަކުރަމް އެދުނު ކަމަށާއި އެ ތަކެތި ގެނެސްދިނުމުން އެ ކަހަލަ ކުއްޖަކު ހޯދާތާ 51 އަހަރު ވެއްޖެ ކަމަށާއި ހިދުމަތް ކޮށްދެނީ ކޮން އަގަކަށްތޯއާއި ހުސް ވަގުތު ލިބެނީ ކޮން އިރަކުތޯ ސުވާލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ކެބިން ކްރޫއަށް 100 ޑޮލަރު ދީ، އޯޑަރު ކުރި ތަކެއްޗަށް އަރާ 10 ޑޮލަރު ކެނޑުމަށް ފަހު ބާކީ ބައި އޭނާ އަތުގައި ބާއްވަން އަކުރަމް ބުނި ކަމަށާއި ކެބިން ކްރޫ ގައިގައި ގޯސް ނިޔަތެއްގައި އަކްރަމް އަތްލި ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ ފަހުންވެސް އަކްރަމް 21 އަހަރުގެ ކެބިން ކުރޫއަކަށްވެސް ފުރައްސާރަކޮށްފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. ފްލައިޓް ޖެއްސުމުގެ ކުރިން ކެބިން ކްރޫންގެ ފަރާތުން ވަނީ އަކްރަމްގެ އަމަލުތައް ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސްގެ ސަމާލުކަމަށް ގެނެސްފަ އެވެ.
ހަމުގެ ބައްޔަށް ފަރުވާކުރުމަށް އިންޑިއާއަށް ދިޔަ އަކްރަމް ހައްޔަރުކޮށްފައިވަނީ ފްލައިޓުން ފޭބިތަނާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު