• ބ. ގޮއިދޫން އަލީ އަފާފު ރަމީޒް

ބ. ގޮއިދޫގެ ސިއްހީ މަރުކަޒު، އަންނަ ދައުރުގައި ހޮސްޕިޓަލް ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނަށް މިރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ގޮއިދޫއަކީ އެމްޑީޕީން އިސްލާހީ މަސައްކަތް ފެށި އިރުވެސް އެކުގައި ތިބި ބައެއް ކަމަށާއި ކުރިން ރައްޔިތުން ތަހައްމަލު ކުރި ކަންކަން ވަރަށް ރަނގަޅަށް ދަންނަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށެވެ.

ކުދި އާބާދީތަކަށާއި ކުދި ރަށްތަކަށް ކަންކަން ކޮށްދޭނީ މިސަރުކާރުން ކަމަށާއި މި ސަރުކާރަކީ ރައްޔިތުން ހާލަތު ދަނެގެން ވެރިކަމަށް އައި ބައެއް ކަމަށެވެ.

ރައީސް ވިދާޅުވީ މިރަށުގެ ތަރައްގީއަށް މިދައުރުގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އަންނަ ދައުރުގައިވެސް މިރަށުގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަން ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ކަރަންޓްގެ މައްސަލައަކީ އެންމެ ބޮޑަށް މިރަށުގައި ހައްލު ކުރަން ޖެހިފައިވާ މައްސަލަ ކަމަށާއި މިރަށުގެ އިންޖީނުގެ މީހުން ދިރިނޫޅޭ ސަރަހައްދަކަށް ބަދަލުކޮށް ރަނގަޅު ފެންވަރުގައި ކަރަންޓް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް އޮތް ދުވަސްތަކުގައި ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި ގޮއިފުޅަފެހެންދޫގެ ހުރިހާ ރައްޔިތުންނަށް ސިއްހީ ހިދުމަތް، ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް މިރަށުގައި ހުރި ސިއްހީ މަރުކަޒު ހޮސްޕިޓާ ފެންވަރަށް ބަދަލުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

މިރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް އަދި މިހާރަށްވުރެ ވެސް ބޮޑުކޮށް ހަދައިދެއްވާނެ ކަމަށާއި އަދި ޒުވާނުންނަށް ތަފާތު ވަސީލަތްތަކާއެކު ސްޕޯޓްސް ކޮމްޕްލެކްސްއެއް ހައްދަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.