އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބު އޮބްޒާވްކުރަން ބޭރުގެ 143 ފަރާތަކަށް އަދި އެ އިންތިހާބު މޮނިޓާކުރަން ބޭރުގެ 22 ފަރާތަކަށް ހުއްދަ ދީފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިހާބު އޮބްޒާވްކުރަން ހުއްދަ ދީފައިވާ ފަރާތްތަކުގެ ތެރޭގައި އެ ކޮމިޝަނުން ދައުވަތު ދީފައިވާ 31 އޮބްޒާވަރުންވެސް ހިމެނޭ ކަމަށެވެ. އެ އޮބްޒާވަރުން ރާއްޖޭގެ ހަ ސަރަހައްދެއްގައި ހަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ، އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 17 ޖަމިއްޔާއަކުން 112 އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ އޮބްޒާވަރުންގެ ގްރޫޕުގައި އިސްކޮށް ހަރަކާތްތެރިވާނީ ސްރީ ލަންކާގެ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސާ ވެޑުގެ ވަރުނަސިރި މަހިންދަދޭޝާ ޕްރިޔާއެވެ.
ހަބީބު އިތުރަށް ވިދާޅުވީ، އިންތިހާބު އޮބްޒާވްކުރުމަށް ޔޫރަޕިއަން ޔޫނިއަންގެ 40 އޮބްޒާވަރަކާއި ކޮމަންވެލްތުގެ 21 އޮބްޒާވަރަކުވެސް ހަރަކާތްތެރިވާނެ ކަމަށެވެ. އެ އޮބްޒާވަރުން އަންނާނީ 20 ގައުމަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއެވެ.
ޚަބަރު
ޚަބަރު