ދަރަނި ދެއްކުމަށް ފަހަށް ރައްކާ ކުރާ ފައިސާ ޖަމާކުރާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް މި އަހަރު ޖަމާކުރި އަދަދު ބައި ބިލިއަނަށްވުރެ މައްޗަށް އަރާފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ސޮވަރިން ފަންޑަށް 552.3 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 58.5 މިލިއަން ރުފިޔާ ނުވަތަ 11.8 ޕަސެންޓް އިތުރު އަދަދެކެވެ.
މިއީ ސޮވަރިން ފަންޑަށް މި އަހަރު ޖަމާކުރެވޭނެ ކަމަށް ލަފާކޮށްފައިވާ 871.4 މިލިއަން ރުފިޔާގެ 63.3 ޕަސެންޓެވެ.
ދަރަނި ނުދެއްކި ގައުމެއް ސޮވަރިން ޑިފޯލްޓަކަށް ދިއުމުގެ ފުރުސަތު ކުޑަކުރުމަށް، 1.1 ބިލިއަން ރުފިޔާއާއެކު ސޮވަރިން ޑިވަލޮޕްމަންޓް ފަންޑެއް އުފެއްދީ 2017 ވަނަ އަހަރުއެވެ. އެ ފަންޑަށް ޖަމާކުރަނީ އެއާޕޯޓް ޑިވަލޮޕްމަންޓު ފީގެ ގޮތުގައި ލިބޭ ފައިސާ އެވެ.
އެސްޑީއެފްގައި މިހާރު ހުރި ސީދާ އަދަދެއް ނޭނގެއެވެ. އެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ވަކިން ހާމައެއް ނުކުރެއެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނު އިރު، އެސްޑީއެފް ބޭންކުގައި ބޭނުން ކުރެވޭ ގޮތަށް 2.1 ބިލިއަން ރުފިޔާ ހުރި ކަމަށް އޭރު ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު