މި ސަރުކާރުގެ "ބިންވެރިޔާ" ސްކީމަކީ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ހިންގި ފަދަ ޕޮންޒީ ސްކީމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސްގެ ހަރުގޭގައި ރޭ ބޭއްވި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ގޯތި ދޭނެ ބިމެއް ވެސް ނެތް ކަމަށާއި ހިއްކޭނެ ފަޅެއްވެސް ނެތް ކަމަށެވެ.

"މިހާރު ގޯތި ދޭނެކަމަށް ވިދާޅުވެ، ނެރެގެން އެ އުޅެނީ ސީދާ ސްކޭމެއް. އެއަކު ގޯއްޗެއް ނެތް، ހިކިފަސް ބިމެއްވެސް ނެތް، ހިއްކޭނެ ފަޅެއްވެސް ނެތް. އަދި އެކަން ކުރާނެ ޕްލޭނެއް ވެސް ނެތް، އެކަމަށް އަންދާޒާކުރެވޭ ފައިސާގެ އަދަދެއް ވެސް ނޭނގޭ، އެ ރުފިޔާ ހޯދައިދޭނެ ގޮތެއް ވެސް ނޭނގޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މީގެ ކުރިން 2010 ވަނަ އަހަރު ގުޅިފަޅު ހިއްކަމުންދިޔަ އިރުވެސް ފާހަގަވި އެއް ހަގީގަތަކީ އޭގެ ފުންމިނަށް ހިއްކުމުގައި ހުރި އަގު ކަމަށާއި އާންމުގޮތެއްގައި އެއް އަކަމީޓަރު ހިއްކުމަށް 20 ޑޮލަރު ހަރަދުވާ ކަމަށެވެ. އަދި ގުޅިފަޅުގެ ފަޅުގެ ފުންމިނުގައި 20 މީޓަރު ހުރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެހެންވީމާ 20 މީޓަރު އަޑިއަށް 20 ގުނަ، ގުޅިފަޅުގެ ކޮންމެ އަކަމީޓަރެއްގެ ބިން އަގުބޮޑުވެގެން އެބަދޭ އާދައިގެ ހާލަތުގައި މި ހިއްކާ ތަންތަނަށްވުރެ. ގުޅިފަޅުން ބިން ހިއްކާފަ ކިތައް ގޯތިތޯ ދޭނީ، ސަރުކާރުން މިހާތަނަށް ހާމަކޮށްފަ ހުރި ހިސާބުތަކުން ފެންނާކަށް ނެތް. އެހެންނަމަވެސް ގޯތިތަކެއް ދޭނެކަމަށް ޗާޓެއް ސަރުކާރުން ނެރެފަ އެބަވޭ. އެ ޗާޓުގައި ގުނީމާ ފަހަރުގަ އަންދާޒާ ކުރާ އަދަދު ފެންނަން އޮވެދާނެ. އެތަނުގަ މި ދަންނަވާ އަދަދަށް ގޯތި ހިއްކައިގެން ދިނުމަށް ވެލި ހޯދަން ވެސް ޖެހޭ. މިއީ އަޅުގަނޑު ގާތުގައި މިހާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ތަކުރާރުކޮށް ދައްކަވާފަ ހުރި ވާހަކަ،" އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބޮސްކާލިސް އިން މިހާރު އޮތް މިންވަރަށް ގުޅިފަޅު ހިއްކުމަށް ފަސް ނަގަން ހޯދާނެ ތަނެއް ހޯދަމުންދިޔަ ކަމަށާއި އެ ފަސް ހުރިކަމަށް ބުނަނީ އަލިހުރަސް ކަނޑުގައި ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި ދެކޮޅު ޖެހޭ ވާހަކައެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"އެއްގޮތަކަށް މިކަން ކުރާނެ ޕްލޭނެއް، އަދި އަންދާޒާ ހަރަދެއް، ފައިސާ ހޯދާނެ ގޮތެއް، މީގެ ޓެކްނިކަލް ފީސިބިލިޓީއެއް ސަރުކާރުން ހަދާފައެއް ނުވޭ. ސަރުކާރުން ގުޅިފަޅުގަ ހަދަން ނިންމީ ބަނދަރެއް، އެއީ މާލޭ ބަނދަރު އެތަނަށް ބަދަލުކުރުމަށްޓަކާ. އެތަނުގަ އެބައޮތް ކޮންމެވެސް ވަރަކަށް ގޯތި ދެވެން، ފަސޭހައިން ހިއްކެން އޮތް ސަރަހައްދުން. އެހެންނަމަވެސް ސަރުކާރުން މިހާރު އިއުލާންކޮށްފަ މިއޮތީ އެއްގޮތަކަށްވެސް އެކަން ކުރެވޭނެ ގޮތަކަށް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ހާލަތާއި އެމީހުންގެ ހަޔާތް އޮތް ގޮތް ސިޔާސީ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެ ހާލަތު ސިޔާސީ ފުރުސަތަކަށް ހެދުމަކީ ލާއިންސާނީ ކަމެއް ކަމަށެވެ.