80 އަހަރު ފަހުން ކެލިފޯނިއާއަށް ބޮޑު ތޫފާނެއް އަރަން އުޅޭކަމަށް އެމެރިކާގެ ނެޝަނަލް ހަރިކޭން ސާވިސް އިން ބުނެފިއެވެ.
ތޫފާން ހިލަރީގެ ނަމުން ނަންދީފައިވާ އެ ތޫފާން މިހާރު ދަތުރުކުރަމުން ދަނީ ޕެސިފިކް ކަނޑުން މެކްސިކޯއާ ދިމާއަށް ކަމަށް އޮފިޝަލުން ބުނެއެވެ.
މެކްސިކޯއަށް ތޫފާން އަރާއިރު ވައި ހުންނާނީ 130 މޭލުގެ ބާރުމިނުގައި ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މެކްސިކޯގެ 18000 ސިފައިން ވަނީ ތައްޔާރީ ހާލަތަކަށް ގެނެސް ރައްޔިތުންނަށް އެހީވުމަށް ފޮނުވާފައެވެ.
ތޫފާން ހިލަރީ މެކްސިކޯއަށްފަހު ދެކުނު ކެލިފޯނިއާއަށް ވެސް އަރާނެކަމަށް ވަނީ ފޯކާސްޓުކުރެވިފައެވެ. އެމެރިކާގެ ނެޝަނަލް ހަރިކޭން ސާވިސް އިން ވަނީ މިއީ ވޭތުވެދިޔަ 80 އަހަރުތެރޭ ކެލިފޯނިއަށް އަރާ ފުރަތަމަ ތޫފާން ކަމަށް ބުނެފައެވެ.
ތޫފާނުގެ އަސަރު ދެދުވަހަށް ކުރާނެ ކަމަށް ލަފާކުރެވޭއިރު ބޯކޮށްވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައްވެސް ހިނގާނެކަމަށް އޮފިޝަލުން ބުނެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެގައުމުގެ އިމަޖެންސީ މެނޭޖްމަންޓް އެޖެންސީން ތޫފާނަށް ތައްޔާރު ވުމަށް އަންގަވައިފައެވެ. ކެލިފޯނިއާގެ އާންމުން ވެސް ތޫފާނަށް ތައްޔާރުވުމަށް ރައީސް ބައިޑަން އިލްޔިމާސްކުރައްވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ