ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓައެކްވަންޑޯގެ މަސައްކަތް ފެށީ 2009 ވަނަ އަހަރުއެވެ. އެއީ ޓައެކްވަންޑޯ އެސޯސިއޭޝަނެއް ފުރަތަމަ ރަޖިސްޓްރީކުރެވުނު އަހަރު ނަމަވެސް، ޓައެކްވަންޑޯގެ ހަރަކާތްތައް އަމަލީ ގޮތުން ފެށީ 2017 ވަނަ އަހަރުއެވެ. އެއީ ރާއްޖެއަށް ފުރަތަމަ ފަހަރަށް ޓައެކްވަންޑޯގެ ކުޅިވަރު އާންމުވާން ފެށި ހިސާބެވެ. އެއީ ޓައެކްވަންޑޯގެ އަމަލީ މަސައްކަތް، އަމާޒަކަށް ޓާގެޓް ހިފައިގެން ފެށުނު ހިސާބެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ރާއްޖެ އަށް ޓައެކްވަންޑޯގެ ކުޅިވަރު، އާންމުވާން މެދުވެރި މައިގަނޑު ސަބަބަކީ ތަޖުރިބާކާރު މާސްޓާއެއް ކަމަށްވާ އަޔޫބް ރާއްޖެ އައުމެވެ. އެ ހިސާބުން ރާއްޖޭގެ ޓައެކްވަންޑޯ މަޑުމަޑުން ކުރިއަށް ޖެހި، އާންމުންނަށް ކޮންމެވެސް ވަރަކަށް ތަރަހަވަމުންދާ ކުޅިވަރަކަށް އެ ކުޅިވަރު ވާން ފެށިއެވެ. މަޑުމަޑުން ޒުވާނުން ޓައެކްވަންޑޯގެ ތެރެއަށް ވަދެ، އެ މަސައްކަރް ރަސްމީ ވާން ފެށުމުގެ އިތުރުން މޯލްޑިވްސް ޓައެކްވަންޑޯއަށް އިންޓަނޭޝަނަލް އެފިލިއޭޝަން ހޯދުމަށްވެސް އޭރު މަސައްކަތްތައް ފަށާފައިވެއެވެ. އެ މަސައްކަތް ކާމިޔާބުވީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރު ޓައެކްވަންޑޯ މޯލްޑިވްސްއަށް ވަނީ އިންޓަނޭޝަނަލް އެސޯސިއޭޝަންގެ އެފިލިއޭޝަން ލިބި، ރަސްމީވެފައެވެ.

ޓައެކްވަންޑޯ އަކީ އަދިވެސް މުޅި ރާއްޖޭގައި އެންމެ ފުޅާކޮށް ހިންގާ އާންމު ކުޅިވަރެއް ނޫން ނަމަވެސް، މާލެ ސަރަހައްދުގައި މިހާރު ދަނީ ކުޅިވަރު ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުންނެވެ. ދުވަހެއް ދުވަހަކަށް ކުޅިވަރުގެ ތެރެއަށް ވަންނަމުންދާ ފަރާތްތައް އިތުރުވަމުންދާ އިރު، މިހާތަނަށް ރާއްޖޭ ފެންވަރުގެ ހަ މުބާރާތް ބާއްވާފައިވެއެވެ. މިފަހަރުގެ ގޭމްސްއަށް ނުކުންނަ ގައުމީ ޓައެކްވަންޑޯ ޓީމުގައި ހިމެނެނީ ރާއްޖޭގެ މުބާރާތްތަކުން ވަނަތައް ހޯދާފައިވާ އިތުބާރު އެތުލީޓުންކަން އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ.

ޓައެކްވަންޑޯ ޓީމުން މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް މާ ކުރިންވެސް އިންތިޒާރުކޮށްފައިވާ އިރު، އެޓީމުން އަމާޒު ހިފީ ރާއްޖޭގެ އަމިއްލަ ފަސްގަނޑުގައި އައިއޯއައިޖީގައި ވާދަކުރުމަށެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން ރާއްޖެއިން އައިއޯއައިޖީގެ ފުރުސަތު ދޫކޮށްލުމާއެކު މުބާރާތް މިހާރު ވަނީ މަޑަގަސްކަރާގައި ބާއްވަން ނިންމައި ފެށުމަށް ތައްޔާރު ވެފައެވެ.

މިފަހަރުގެ އައިއޯއައިޖީ، މި މަހުގެ 25 އިން އަންނަ މަހުގެ ތިންވަނަ ދުވަހަށް ކުރިއަށްދާ އިރު، ޓައެކްވަންޑޯ ޓީމުން މުބާރާތަށް ހާއްސަވެގެން ތަމްރީނުތައް ހަދަމުންދާތާ މިހާރު ވަނީ އަހަރެއްހާ ދުވަސް ވެފައެވެ. މޮރޮކޯގެ ކޯޗެއް ކަމަށްވާ އަދްނާން ކަނޭންގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޓީމުން ތަމްރީނުތައް ފުރިހަމަ ކުރަމުންދާ އިރު، މިފަހަރުގެ އައިއޯއައިޖީގެ މެޑަލްއަށް ކޯޗުގެ އުންމީދު ބޮޑެވެ.

ޓައެކްވަންޑޯ އަކީ "އާޓް އޮފް ފައިޓިން"ގެ ކުޅިވަރަކަށްވީ އިރު، އެފަދަ ކުޅިވަރުތަކަށް ރާއްޖޭގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކުޅިވަރަކީ ތަޅާފޮޅުމެއް ކަމަށް ދެކޭ ދެކުމެވެ. މިދިޔަ އަހަރުތަކުގެ ތެރޭގައި ޓައެކްވަންޑޯ ކުރިއަރުވަން ރާއްޖޭގައި ކޮށްފައިވާ މަސައްކަތްތަކުން، މިއަދު އެ ތަސްވީރު ދަނީ ބަދަލުވަމުންނެވެ.

ޓައެކްވަންޑޯ ފަދަ ކުޅިވަރުތަކަކީ އަހުލާގާއި ސުލޫކުގެ އިތުރުން، ކުޅިވަރުގެ އަހުލާގު ވަރަށް ބޮޑަށް ހިއްސާވާ ކުޅިވަރުތައް ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވެއެވެ. މިފަހަރުގެ އައިއޯއައިޖީ ވެގެންދާނީ ޓައެކްވަންޑޯ ޓީމުން ވާދަކުރާ ފުރަތަމަ ބައިނަލްއަގުވާމީ ގޭމްސްއަށެވެ. ޓީމުގައި ހިމެނެނީ ޖުމުލަ ފަސް އެތުލީޓުންނެވެ. އެއީ އަންހެން އެއް އެތިލީޓަކާއި ފިރިހެން ހަތަރު އެތުލީޓެކެވެ. މިވަގުތު ގޭމްސްއަށް ޓާގެޓްކޮށް، އައިއޯއައިޖީއަށް ފަހު އޭޝިއަން ޗެމްޕިއަންޝިޕަކީ ވެސް ޓައެކްވަންޑޯ ޓީމުގެ ޓާގެޓެކެވެ.

  • ނޯޓު: މި އާޓިކަލްއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާ ދިވެހި އެތުލީޓުންނާއި ޓީމުތައް ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ހާއްސަ މަސައްކަތުގެ ދަށުން، އެމްއޯސީ މީޑިއާ ޓީމުން ތައްޔާރުކޮށްފައިވާ އާޓިކަލްއެކެވެ.