އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ، އެމްޑީޕީގެ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގައި، އިނގިރޭސިބަހުން އިސްލާމް މާއްދާ ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ދޭން ހިމަނާފައިވަނީ، ވީހާވެސް ގިނަ ކުދިންތަކަކަށް ވީހާވެސް ފަސޭހައިން އިސްލާމްދީން އުނގަންނައިދިނުމުގެ މަގުސަދުގައި ކަމަށްވިދާޅުވެ، ރައީސް ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، އިދިކޮޅު ޕީއެންސީގެ ކެނޑިޑޭޓް، މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ރައްދު ދެއްވައިފިއެވެ.

އިނގިރޭސިބަހުން ދިވެހި މާއްދާ ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ލިބޭނެކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާތީ މުއިއްޒު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މުއިއްޒުގެ ކެމްޕޭން ބައްދަލުވުންތަކުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވާ ގޮތުގައި އިނގިރޭސިބަހުން އިސްލާމް މާއްދާ ކިޔަވައިދިނުމަކީ ދިވެހި ގައުމިއްޔަތު ގެއްލުވާލުމަށް ކުރާ މަސައްކަތެކެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި, ދިވެހިބަހާއި އިސްލާމްދީނަކީ ގައުމިއްޔަތާ ގުޅިފައިވާ ދެ ކަންތަކެވެ. އަދި އެ ދެ ކަންތައް ހިމާޔަތްކޮށްގެން މެނުވީ ގައުމުގެ މުސްތަގުބަލު ސަލާމަތެއް ނުކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވެއެވެ.

އެމްޑީޕީން މިއަދު ހެނދުނު ބޭއްވި ނިއުސްކޮންފަރެންސްގައި މާރިޔާ ވިދާޅުވީ، އިނގިރޭސިބަހުން އިސްލާމް މާއްދާ ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ދިނުމަށް ހިމަނާފައިވިޔަސް، ދިވެހިބަހުގެ މާއްދާ ހަމަ އެގޮތުގައި އޮންނާނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ އިސްލާމްދީނަކީ ދިވެހީންގެ އަގީދާ ކަމަށާއި ކީރިތި ގުރުއާނާއި ކީރިތު ރަސޫލާގެ ހަދީސްފުޅުތައް ހުންނަނީ އަރަބިބަހުން ކަމަށެވެ. އަދި މިހާރުގެ ގިނަ ކުދިންނަކީ އިނގިރޭސިބަހުން ވާހަކަދައްކާ ކުދިންނަށްވެފައި، ބޮޑެތި ދިރާސާތައް ހެދޭވަރަށް އިސްލާމްދީނާ ބެހޭ ލިޔުންތައް އިނގިރޭސިބަހުން ހުރުމުން، އިނގިރޭސިބަހުން އިސްލާމް މާއްދާ ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު އޮތުމަކީ އިސްލާމްދީން މާއްދާ ކިޔަވަން ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.