އޮސްޓްރޭލިއާއާއި ނިއު ޒިލެންޑްގައި މިހާރު ކުރިއަށްދާ ފީފާ އަންހެން ވޯލްޑް ކަޕުން މިހާތަނަށް 447 ޕައުންޑްގެ އާންމުދަނީއެއް ފީފާއަށް ލިބިއްޖެ ކަމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.
ރަނގަޅު ތަރުހީބަކާ އެކު މި ފަހަރުގެ ވޯލްޑް ކަޕް ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާ އިރު، މިއީ ޖުމުލަ 32 ޓީމާއެކު އަންހެން ވޯލްޑް ކަޕް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އަންހެން ވޯލްޑް ކަޕްގައި ވާދަކޮށްފައި ވަނީ 24 ޓީމެވެ. މި ފަހަރުގެ ބަދަލަށް މުބާރާތުގެ ކުރިން ބައެއް ފާޑުކިޔުންތައް އަމާޒުވެފައި އޮތް ނަމަވެސް، ދެކުނު އެފްރިކާއާއި ޖެމެއިކާ އަދި މޮރޮކޯ ފަދަ ޓީމުތަކުން ދެއްކި ތަފާތާއެކު އެކަން ކަމަށް ޖަވާބު ދެވިއްޖެ ކަމަށް، ވުމަންސް ފުޓްބޯޅަ ކޮންވެންޝަނުގައި އިންފެންޓީނޯ ވަނީ ވިދާޅުވެފައެވެ.
މި ފަހަރުގެ ވޯލްޑް ކަޕަށް ތައުރީފު ކުރައްވަމުން އިންފެންޓީނޯ ވިދާޅުވީ ފީފާއަށް ގެއްލުން ނުވެ، އަންހެން ވޯލްޑް ކަޕް ނިންމާލެވުމުން ދޭހަވަނީ މިހާރު އަންހެން ފުޓުބޯޅައަށް އޮތް ފޯރިއާއި ތަރުހާބު ކަމަށެވެ.
"މިއަހަރުގެ އަންހެން ވޯލްޑް ކަޕުން 447 މިލިއަން ޕައުންޑްގެ އާމްދަނީއެއް ލިބިއްޖެ. އެހެންވީމަ ބްރޭކް އީވަންގައި ވޯލްޑް ކަޕް މި ނިންމާލަނީ. ފީފާއަށް އެއްވެސް ގެއްލުމެއް ނުވެ މި ނިންމާލަނީ. މިއީ ސްޕޯޓިން އިވެންޓްތަކަށް ބަލައި ރަނގަޅު ފައިދާއެއް. އަދި ފިރިހެން ވޯލްޑް ކަޕަށްފަހު އެންމެ ގިނައިން ފައިދާވި އެއް ސްޕޯޓިން އިވެންޓަކީވެސް މިއީ،" އިންފަންޓީނޯ ވިދާޅުވިއެވެ.
އިންފަންޓީނޯގެ އެ ވާހަކައިގެ ތެރެއިން އޭނާ ވަނީ ވޯލްޑް ކަޕްތަކަށް ކުރާ ހަރަދުގައި މިންތީގެ ހަމަހަމަކަން ގާއިމުކޮށް، އަންހެން ކުޅުންތެރިންނަށް އެކަށީގެންވާ ފައިސާ ވޯލްޑް ކަޕުން ދިނުމުގެ މިސްރާބަށް ފީފާގެ ވިސްނުން ހުރިކަން ފާހަގަކުރައްވައިފައެވެ.
އަންހެން ވޯލްޑް ކަޕްގެ ޓީމުތަކަށް ފީފާއިން މި ފަހަރު ރެކޯޑް 86.1 މިލިއަން ޕައުންޑް ހަރަދުކޮށްފައިވާ އިރު، މިދިޔަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގައި ޓީމުތަކަށް 346 މިލިއަން ޕައުންޑް ފީފާއިން ހަރަދުކޮށްފައިވެއެވެ. އެ ހަރަދު އެއްވަރު ކުރުމާ ދިމާލަށް ފީފާގެ މިސްރާބު ހުރި ކަމަށް އިންފަންޓީނޯ ވަނީ ފާހަގަކުރައްވައިފައެވެ.
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އިންފަންޓީނޯ ވިދާޅުވީ "ރަނގަޅު ދޮރުތަކެއްގައި" ޓަކި ޖަހައިގެން "ހައްގުތަކަށް ވަކާލާތުކުރެވޭނެ،" ކަމަށާއި، އަންހެން ކުޅުންތެރިންނަށް ބާރުވެރިކަން ހޯދަން ކުރާ މަސައްކަތް ހުއްޓާނުލައި ރަނގަޅު ކުރިއަށް ގެންދިޔުމަށެވެ. އަދި މިހާރު ކުޅުންތެރިން ދައްކަމުންދާ ވާހަކަތަކަށް ތައުރީފްކޮށް، އިންފަންޓީނޯ ވަނީ "އީކުއަލް ޕޭ" އަށްވެސް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.
މިއަހަރުގެ އަންހެން ވޯލްޑް ކަޕްގެ ފައިނަލް އޮންނާނީ އާދީއްތަ ދުވަހުއެވެ. އެ ފައިނަލަށް ނުކުންނާނީ އިންގްލެންޑާއި ސްޕެއިނެވެ.
ފީފާ އަންހެނުންގެ ވޯލްޑްކަޕް
ފީފާ އަންހެނުންގެ ވޯލްޑްކަޕް
ފީފާ އަންހެނުންގެ ވޯލްޑްކަޕް