ރާއްޖޭގެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ފަށައި، އެ ދެ އަތޮޅުން ހުވަދު އަތޮޅަށް ދެވޭ ގޮތަށް ހައިވޭލިންކެއް ގާއިމުކޮށް ދަތުރުތައް ފަށައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށ،ް އެ ހުދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ދީ، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މިއަދުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް އާރުޓީއެލް ފެރީގެ ދަތުރުތައް ކޮށްދޭނީ ހިލޭ ކަމަށެވެ. އެ މުއްދަތުގައި ދަތުރުކުރުމަށް ޖާގަ ހޯދަން ގުޅަންޖެހޭނީ އެ ރަށެއްގެ ރަށު ކައުންސިލުން ކަމަށްވެސް ބުންޏެވެ.
ހިލޭ ދަތުރުކުރެވޭ މުއްދަތުގައި ޖާގަ ހޯދުމަށް ގުޅަންވަނީ އެ ރަށެއްގެ ކައުންސިލަށްކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ހަފުތާއެއްގެ ފަހުން، އަގު ނަގައިގެން ހިދުމަތް ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލާނެކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ، 25 އޮގަސްޓުން ފެށިގެން ފެރީ ހިދުމަތުން ފައިސާ ނަގަން ފެށުމުން ކަސްޓަމަރުން ޓިކެޓު ގަންނަން ޖެހޭނީ އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރުޓީއެލް ޓްރެވަލް އެޕުން ކަމަށެވެ. އަގު ނަގަން ފެށި ނަމަވެސް، އެންސްޕާގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.
އެމްޓީސީސީން ބުނީ، ޒޯން ފަހެއް އަދި ހައެއްގައި އަލަށް ފެށި އާރުޓީއެލް ފެރީ ރޫޓުތަކުގެ ހިދުމަތް ހަފުތާއަކު ހަތް ދުވަހު، އާރުޓީއެލް ބްރޭންޑުގެ ދެ ސްޕީޑް ފެރީ މެދުވެރިކޮށް ދެ ރޫޓަކުން ލިބޭނެ ކަމަށެވެ. އާރްޓީއެލް ފެރީ ހިދުމަތުގެ ޝެޑިއުލް އާރްޓީއެލް ވެބްސައިޓު އަދި އާރްޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށާއި 1650 ގުޅައިގެން މައުލޫމާތު ސާފުކުރެވެން ހުންނާނެއެވެ.
އާރްޓީއެލް ފެރީތަކަކީ 50 ފަސެންޖަރުންނަށް ދަތުރު ކުރެވޭގޮތަށް ފަރުމާ ކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. އެ އުޅަނދުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ވީލްޗެއާ ސްޕޭސް އާއި ސްޓްރެޗާ ސްޕޭސް ހުންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު