ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަރާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲ (ގައްބަރޭ) ބަންދުން ދޫކޮށްލަން ކުރި އަމުރު ބާތިލްކޮށް އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން އަމުރުކުރުމުން އޭނާ އަލުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޒަރީރަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ގައްބަރޭގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ މުލާމް މުހައްމަދެވެ. މި މައްސަލައިގައި އަހުމަދު އައުޝަމްވެސް ވަނީ މީގެ ކުރިން ހައްޔަރުކޮށްފައެވެ. ނަމަވެސް އޭނާ ފަހުން ދޫކޮށްލި ފަހުން އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.

ޒަރީރަށް ހަމަލާ ދިނީ ޓީވީއެމް ކުރިމަތިން، ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭގައި އިންނަވަނިކޮށެވެ. އެ މައްސަލައިގައި ގުރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ގައްބަރޭ ހޯދުމަށް ފުލުހުން އޭނާގެ ވަނަވަރު އާއްމުކުރުމުން މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ.

ގައްބަރޭގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ 30 ދުވަހެވެ. އޭގެ ފަހުން 15 ދުވަސް ދުވަސް އޭނާގެ ބަންދަށް އިތުރުކުރިއެވެ. އެ 15 ދުވަސް ޖުލައި ހަޔަކަށް ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް އެ ދުވަހު ހާޒިރުކުރުމުން އޭނާ ވަނީ ދޫކޮށްލައިފައެވެ.

ގައްބަރޭ ބަންދުން ދޫކޮށްލި އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މި މަހުގެ 13 ވަނަ ދުވަހު ނިންމީ އޭނާ ބަންދުން ދޫކޮށްލި އަމުރު ބާތިލްކޮށް އަލުން ހައްޔަރުކުރުމަށެވެ.

ތިން ފަންޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ބުނީ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން އެ މީހުން އަލުން ބަންދުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ނުވަތަ ފުލުހުންގެ ފަރާތުން ދަށު ކޯޓަށް ހަތް ދުވަހުގެ ތެރޭގައި ހުށަހަޅައިފި ނަމަ، އެ އަމުރު ނެރެދެން ޖެހޭނެ ކަމަށެވެ.

ގްރޫޕް މާރާމާރީ އާއި ފޭރުމުގެ ގިނަ މައްސަލަތަކެއްގެ ރެކޯޑް އޮތް ގައްބަރޭއަކީ އެމްޑީޕީއަށް ނިސްބަތްވާ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސްއެވެ. އޭނާއަކީ 2007 ގައި ތޫނު އެއްޗަކުން ހަމަލާދީ ހ. ކުބްރާ، އަލީ އިޝާރު މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފުވެފައިވާ މީހެކެވެ. އެއިރު އޭނާގެ އުމުރަކީ 16 އަހަރެވެ. އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަތާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ ޖުވެނައިލް ކޯޓުގައި އުފުލިއެވެ. ނަމަވެސް ހެކި ނެތުމުން 2010 ވަނަ އަހަރު އެ ކޯޓުން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.