އޯ-ލެވެލް އިމްތިހާން ނިންމި ދަރިވަރުންނަށް އަމާޒުކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިއަށް ގެންދިޔަ މެއިންޓެނެންސް އިންޑަސްޓްރީގެ އިންޓާންޝިޕް ޕޮރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މިދިޔަ އަހަރުން ފެށިގެން އެމްޕީއެލްއިން ހިންގަމުން އަންނަ މި އިންޓާންޝިޕް ޕްރޮގްރާމަކީ އޯލެވެލް އިމްތިހާން ނިންމާ ދަރިވަރުން ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުވައި، މެއިންޓެނެންސް އިންޑަސްޓްރީއަށް ޝައުގު އުފެއްދުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި އަހަރުގެ ޕްރޮގްރާމަށް 210 އެޕްލިކޭޝަން ލިބުނު ނަމަވެސް ޕްރޮގްރާމުގައި ބައިވެރިވެ، އިންޓާންޝިޕް ފުރިހަމަ ކުރީ 20 ދަރިވަރެކެވެ.

އެ ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް މީރުމާ މާލަމުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ޕޯޓްގެ ދާއިރާއަކީ ވަރަށް ފުޅާ އަދި ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ދާއިރާއެއް ކަމުން، އެ މަސައްކަތަށް ހުނަރުވެރި މުވައްޒަފުން ބޭނުންވާ ކަމަށެވެ.

އެގޮތުން އޮޕަރޭޝަން ޑިޕާންޓްމަންޓާއި އިލެކްޓްރީޝަނުންނާއި އިންފޮމޭޝަން ޓެކްނޮލޮޖީ މުވައްޒަފުންނާއި އެމްޕީއެލްގެ ވެބްސައިޓްތައް ހިންގަންވެސް ވަކި މުވައްޒަފުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ސްކޫލު ދައުރުގައި ދަރިވަރުންނަށް ވަޒީފާގެ މާހައުލުގެ ކަންކަން ދަސްވެގެން ނުދިޔަ ނަމަވެސް އެފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ދަރިވަރުން ހަރުދަނާވެގެންދާ ކަމަށެވެ.

"ބައެއް ބެލެނިވެރިން އެ މީހުންގެ ކުދިން ގްރޭޑް 10 ނިންމުމަށްފަހު ނަތީޖާ ލިބޭ ދުވަސްކޮޅާ ދޭތެރޭ ލިބޭ ހުސް ދުވަސްތަކުގައި ނުބައި ގޯޅިއަކުން ގޮސްދާނެތީ އެކަމުގެ ބިރު ހީވެފައިވާކަމުގެ ޝަކުވާތައް ލިބެމުންދޭ. އެހެންކަމުން ބެލެނިވެރިންގެ އެދުމުގެ މަތިން އެމްޕީއެލްއިން މި ޕްރޮގްރާމް ހިންގީ އެ ކުންފުނީގެ މާހައުލު އޮޕަޓޭޓްވާ ގޮތް ކުދިންނަށް ދަސްކޮށްދިނުމުގެ މަގުސަދުގައި،" މިނިސްޓަރު ވިދާޅުވިއެވެ.