ޚަބަރު

އިހަވަންދޫ މަސްކިރާ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. އިހަވަންދޫ މަސްކިރާ ބަނދަރު ހަދަން ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. ޖުމުލަ 60.26 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމަން ދީފައިވާ މުއްދަތަކީ 500 ދުވަހެވެ.

މި މަޝްރޫއުގެ ދަށުން 5.5 މީޓަރު އެމްއެސްއެލްގެ 47،161 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއި 3.5 މީޓަރު އެމްއެސްއެލްގެ 3،060 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއި 42 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެއެވެ.

އަދި 129 މީޓަރުގެ ޝީޓް ޕައިލް އެއްގަމުތޮށި ލުމާއި 66 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ބޮލާޑް ހަރުކުރުމާއި ވީ-ފެންޑާ ހަރުކުރުމާއި 3،437 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި މަސްވެރިކަމާއި އޮޑިފަހަރު ބަނދެ އެހެލުގެ މަސައްކަތް ކުރާ ރައްޔިތުންތަކެއް ދިރިއުޅޭ އިހަވަންދޫ މަސްކިރާ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކުރި އިރު، އެ ރަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެ ކުންފުނިން މިހާރު ވަނީ ނިންމާލައިފައެވެ. އެއީ 62.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިދިޔަ ޖުލައި މަހު އިހަވަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ރަށުގައި ހަދާ މަސް ގަންނަ ބަނދަރާއެކު ސްޕިލްވޭއަކާއި އެމްޓީސީސީގެ ސޭލްސް ސެންޓަރެއް ގާއިމުކުރާނެ ކަމަށް ވިދާޅުވެފައެވެ.

އަދި މަސް ގަންނަ ސެންޓަރަކީ 50 ޓަނު ބްރައިން ފްރީޒް ކުރެވޭގޮތަށް 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖާއެކު ގާއިމުކުރެވޭ ސެންޓަރެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިހަވަންދޫ މަސްވެރިން ބޭނުންވާ ހިދުމަތްތައް މަސް ގަންނަ ބަނދަރުން ލިބިގެންދާނެ ކަމަށާއި ދޯނި ފަހަރުގެ އިންޖީނަށް ބޭނުންވާ ސްޕެއާ އާއި އަޑީތެޔޮ ފަދަ އެއްޗެހި ބަނދަރުގައި ހަދާ އެމްޓީސީސީގެ ސޭލްސް ސެންޓަރުން ލިބިގެންދާނެ ކަމަށެވެ.

"މަސް ގަނެ، މަސް ރައްކާކުރާ ފެސިލިޓީ ނިމިގެންދާ އިރުގައި، އެތަނުގައި ވެލިއު އެޑްކޮށްގެން މަސް ޕްރޮސެސްކުރެވޭނެ އިންތިޒާމު ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެވަނަ ފޭސްގައި ކުރިއަށްގެންދާނަން،" ރައީސް ވިދާޅުވިއެވެ.