މިމަހު 25ގައި މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމަށް ތައިލޭންޑްގައި ކުރާ ކޭމްޕުން ގައުމީ އަންހެން އަދި ފިރިހެން ހޭންޑްބޯޅަ ކުރިއެރުން ހޯދައި، ޓީމު އޮތީ މެޑައްޔެއް ހޯދުމަށް ތައްޔާރަށް ކަމަށް އެ ޓީމުތަކުގެ މެނޭޖަރުން ބުނެފިއެވެ.

ގައުމީ ހޭންޑް ބޯލް ޓީމުން މުބާރާތައް ތައްޔާރުވަމުން އަންނަނީ ސާބިއާގެ ކޯޗު ބްރަސްޓްލޯ ސިމަނޮވިޗްގެ އިރުޝާދުގެ ދަށުންނެވެ. އައިއޯއައިޖީއަށް ތައްޔާރުވުމުގެ ގޮތުން ހޭންޑް ބޯލް ޓީމުން ތައިލެންޑުގައި 10 ދުވަހުގެ ޓްރެއިނިންގް ކޭމްޕެއް ކުރިއަށް ގެންދިޔައެވެ.

މީޑިއާއަށް ދިން އިންޓަވިއުގައި ގައުމީ ފިރިހެން ޓީމުގެ މެނޭޖަރު ހައިޝަމް ބުނީ ދުވަހުން ދުވަހަށް ކުޅުންތެރިންނާ ވާހަކަ ދައްކައި މުބާރާތަށް ކުޅުންތެރިން ވަމުން އަންނަ ތައްޔާރީތައް ބަލަމުން އަންނަ ކަމަށެވެ.

ހައިޝަމް އިތުރަށް ބުނީ މަޑަގަސްކަރާގައި މުބާރާތް އޮންނަކަން އެނގުން ހިސާބުން ކުޅުންތެރިންނަށް ގިނަ ކަންކަން ވިސްނައިދޭން ޖެހުނު ކަމަށެވެ. ހާއްސަކޮށް މަޑަގަސްކަރައިގައި ބޭނުންވާ ހުރިހާ އެއްޗެއް ކާން ނުލިބޭނެ ކަމަށާއި އެތަނުގެ ހާލަތު ކުޅުންތެރިންނަށް ވިސްނައިދީފައިވާނެ ކަމަށް ބުންޏެވެ. އެހެންނަމަވެސް ކުޅުންތެރިންގެ އަމާޒަކަށް ވާންވާނީ ދަތި ހާލުގައި ނަމަވެސް މެޑަލް ހޯދުން ކަމަށް ހައިޝަމް ބުންޏެވެ.

ހައިޝަމް ބުނީ ތައިލެންޑް ކޭމްޕަށް ފަހު ހޭންޑްބޯޅަ ޓީމުން އަންނާނީ މެޑަލް ހޯދުމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.

ގައުމީ ކޯޗު ސްމޮނޮވިޗް ބުނީ އަންހެން އަދި ފިރިހެން ޓީމުން ވަމުން އަންނަ ތައްޔާރީތަކާ މެދު ހިތްހަމަ ޖެހޭ ކަމަށާއި ހާއްސަކޮށް ކުޅުންތެރިން ފަރިތަކުރުންތަކުގައި ދައްކާ ހިތްވަރާއެކު އަންހެން އަދި ފިރިހެން ހޭންޑްބޯޅަ ޓީމުތަކަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

ގައުމީ އަންހެން ޓީމުގެ މެނޭޖަރު ޒުލޭހާ އިބްރާހީމް ބުނީ ކުރިން ކުޅުންތެރިއަކަށް ގައުމީ ޓީމުގައި ހުރި އިރު، ދިމާވި އެންމެ ބޮޑު ދަތިކަމަކީ ރަނގަޅު ކޯޗެއް ނެތުން ކަމަށެވެ. އެކަމަކު މިފަހަރުގެ މުބާރާތަށް ނުކުންނަނީ ފެންވަރު ރަނގަޅު ކޯޗަކާ އެކު، ރަނގަޅު ފަރިތަކުރުންތަކަކާ އެކުގައި ކަމަށެވެ.

ޒުލޭހާ ބުނީ އައިއޯއައިޖީގެ ކުރިން ތައިލެންޑުގައި ކުރިއަށްދާ ޓްރެއިނިންއާ އެކު، ޓީމަށް ބޭނުންވާ ކާމިޔާބީއަށް ވާސިލްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އެގޮތުން ހޭންޑްބޯޅަ ޓީމުގެ އަމާޒަކީ މި މުބާރާތުގައި މެޑަލް ހޯދުން ކަމަށް ޒުލޭހާ ބުންޏެވެ.

ޒުލޭހާ ބުނީ އެންމެ ކުރިއާ ބަލާއިރު މިހާރު ގިނަ ކަންކަން ރަނގަޅު ކަމަށާއި އެގޮތުން މިހާރު ގިނަ ފެސަލިޓީތަކެއް އެބަހުރިކަން ގަބޫލުކުރާ ކަމަށެވެ. އެކަމަކު އިންޑޯ ކޯޓެއް ނެތުމުން ގިނަ ފަރިތަކުރުންތަކެއް އަދިވެސް ކުޅުންތެރިންނަށް ގެއްލޭ ކަމަށް ޒުލޭހާ ބުންޏެވެ.

އަންހެން އަދި ފިރިހެން ގައުމީ ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިން ބުނީ އަމާޒަށް ވާސިލްވެވޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި ފަރިތަކުރުންތައް ފެށިއިރާ ބަލާއިރު މިހާރު ހުރިހާ ގޮތަކުންވެސް ޓީމަށް ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. އަދި އައިއޯއައިޖީގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެއަށް ރަނގަޅު ފައިޓެއް ދެވޭނެ ގައުމުތަކެއް ކަމަށް ކުޅުންތެރިން ވަނީ ފާހަގަކޮށްފައެވެ.

ގައުމީ ހޭންޑް ބޯލް ޓީމުން އެންމެ ފުރަތަމަ އައިއޯއައިޖީ މުބާރާތުގައި ވާދަކޮށްފައިވަނީ 2015 ވަނަ އަހަރުގައި ރިޔޫނިއަންގައި ބޭއްވި މުބާރާތުގައެވެ.

  • ނޯޓު: މި އާޓިކަލްއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާ ދިވެހި އެތުލީޓުންނާއި ޓީމުތައް ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ހާއްސަ މަސައްކަތުގެ ދަށުން، އެމްއޯސީ މީޑިއާ ޓީމުން ތައްޔާރުކޮށްފައިވާ އާޓިކަލްއެކެވެ.