ރާއްޖޭގައި އެންމެ ފަހުން ވުޖޫދުވި އެސޯސިއޭޝަންތަކުގެ ތެރެއިން އެއް އެސޯސިއޭޝަނަކީ ހޭންޑްބޯލް މޯލްޑިވްސްއެވެ. އެކަމަކު، 2014 ވަނަ އަހަރު އެސޯސިއޭޝަނެއްގެ ސިފައިގައި ހިނގައިގަނެ، މި ވީ މުއްދަތަށް ބަލާއިރު ހޭންޑްބޯޅަ އިން ވަނީ ފާހަގަކޮށްލެވޭ ގިނަ ކުރިއެރުންތަކެއް ހޯދައިފައެވެ. އެގޮތުން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ފާހަގަކުރައްވާ ގޮތުގައި މި ވަގުތު އޮތް ލީޑަޝިޕްގެ އަމާޒަކީ ލިބިފައިވާ ތަޖުރިބާތަކުގެ މަތީގައި ފިޔަވަޅު ސާބިތުކޮށް ކުރިއަށް އަމާޒުހިފުމެވެ.

އެގޮތުން، އެންމެ ބޮޑު ކަމެއްގެ ގޮތުގައި މި މަހު، 25 އިން އަންނަ މަހު ހަތަރަކަށް މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަންހެން އަދި ފިިރިހެން ޓީމު ތައްޔާރުކުރުމުގައި ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ ފާހަގަކޮށްލެވޭ މަސައްކަތަކެއް ކޮށްފައެވެ. އެގޮތުން، ޒުވާން ގައުމީ ޓިމުތަކުން ފާހަގަކުރެވުނު ކުޅުންތެރިން ސީނިއާ ޓީމާ ހަމައަށް ގެނެސް، ފުރިހަމަ ޓީމެއް އެކުލަވާލުމުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައެވެ.

ހޭންޑްބޯޅައަށް އައުޓް ޑޯ ރަނގަޅު ފެންވަރުގެ ކޯޓެއް ލިބިފައި އޮތުމަކީ ރާއްޖޭގެ އެހެން ކުޅިވަރު އެސޯސިއޭޝަންތަކާ އަޅައި ކިޔާއިރު، ހޭންޑްބޯޅައަށް އޮތް ފަސޭހައެކެވެ. އަނެއް ކޮޅުން ބަލާއިރު، ރާއްޖޭގެ އެކި ރަށްރަށުގައި އަޅާފައިވާ ފުޓްސަލް ދަނޑުތަކުގައި ހޭންޑްބޯޅަ މުބާރާތްތައް ކުރިއަށްދާ އިރު، މި ސަރުކާރުގެ ކުޅިވަރު އިންފްރާސްޓްރަކްޗާ ގާއިމްކުރާ ޕްލޭނުގެ ތެރެއިން އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދޭ އެއް ކުޅިވަރެއްގެ ގޮތުގައި އޮތީ ހޭންޑްބޯޅައެވެ.

ރާއްޖޭގެ އެކި ރަށްރަށުން ހޭންޑްބޯޅައަށް އަމާޒުކޮށް ކުރާ މަސައްކަތާއި ހޭންޑްބޯޅަ ކުޅެން ވަސީލަތް ގާއިމްކުރަން ޑިމާންޑް އަންނަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްވެސް ވަނީ ވިދާޅުވެފައެވެ.

މި ވަގުތަށް ބަލާއިރު، ރާއްޖޭގައި ދެ ޖިންސުގެ މެދުގައި ކުޅެވޭ ކުޅިވަރުތަކުގެ ތެރެއިން އެންމެ ފޯރިގަދަކޮށް ފެންނަ އެއް ކުޅިވަރަކީ ހޭންޑްބޯޅައެވެ. އެ ގޮތުން ބަލާއިރު، ހޭންޑްބޯލް މޯލްޑިވްސް އިން ރާވާ ހިންގާ މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކުގެ ނިސްބަތަށް ބަލައިލިޔަސް، މި ފަހުން ރަށްރަށުން އަންނަ ޓީމުތައް އަންނަނީ ގައުމީ ލެވަލްގައި ރަނގަޅު ޗެލެންޖް ދެމުންނެވެ. އިންޓަ ސްކޫލް ލެވަލްގައި ބަލާއިރު، ރަށްރަށުގެ ޓީމުތަކުން އަންނަނީ ރަނގަޅަށް ތައްޔާރުވެ، ކާމިޔާބު ހޯދަން ބުރަ މަސައްކަތް ކުރުމުގެ އަޒުމުގައެވެ. ހޭންޑްބޯޅަ މުބާރާތްތަކުގެ ފެންވަރު ރަނގަޅުވަމުން އަންނަ ކަމުގެ ފައިދާ ގައުމީ ޓީމުތަކަށް ވެސް އެބައޮތެވެ.

އޭގެ އެންމެ ރަނގަޅު ހެއްކަކީ، މި އަހަރު ކުރިއަށްދިޔަ އައިއެޗްއެފް ޓްރޮފީ މުބާރާތުގަައި ރާއްޖޭގެ 17 އަހަރާއި 19 އަހަރުން ދަށުގެ އަންހެން ޓީމުން ލޯ މެޑަލް ހޯދުމެވެ. ނިސްބަތުން ބަލާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ކުރެވުނު މަސައްކަތުން ހޭންޑްބޯޅަ އަށް މި ވަނީ މެޑަލަކާ ހަމައަށް އާދެވިފައެވެ. އެކަމަކު، އެ ހިސާބުން މަޑު ޖެހުނީ ނޫން ކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން ވަނީ ބުނެފައެވެ. އެގޮތުން ދެން މަސައްކަތް ފަށަނީ، އަހަރުތަކަކަށް ދެމިގެންދާ ގޮތަށް އޮތް ޕްލޭނެއްގެ ތެރެއިން ވަރުގަދަ ގައުމީ ޓީމެއް ބިނާ ކުރުމުގެ މަސައްކަތެވެ. އެގޮތުން، އުމުރުފުރާ ގައުމީ ޓީމުތަކުގެ ޕްރެކްޓިސްތަކެއް ގަވާއިދުން ރާވައި، އޭގެ ތެރެއިން ގައުމީ ޓީމެއް ހެދުމުގެ މަސައްކަތް މިހާރު ހޭންޑްބޯޅައިން މިވަނީ ފަށައިފައެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، ހޭންޑްބޯޅައިގެ އެންމެ ފުރަތަމަ އަމާޒު ހުއްޓިފައި މިވަނީ މިފަހަރުގެ އައިއޯއައިޖީ އަށެވެ. ގޭމްސްއެއްގައި އެންމެ ފަހުން ހޭންޑްބޯޅަ ޓީމުން ވާދަކޮށްފައި ވަނީ 2019 ވަނަ އަހަރު ނޭޕާލްގެ ޕޮކާރާގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައެވެ. އޭގެ ތިން އަހަރު ފަހުން، މި ފަހަރުގެ އައިއޯއައިޖީ އަށް ނުކުންނަ އިރު، ހޭންޑްބޯލް ޓީމު މިހާރު އޮތީ ކުރިއަށް ވުރެން މާ ބޮޑަށް ވެސް ތައްޔާރަށެވެ.

  • ނޯޓު: މި އާޓިކަލްއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާ ދިވެހި އެތުލީޓުންނާއި ޓީމުތައް ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ހާއްސަ މަސައްކަތުގެ ދަށުން، އެމްއޯސީ މީޑިއާ ޓީމުން ތައްޔާރުކޮށްފައިވާ އާޓިކަލްއެކެވެ.