މި މަހުގެ 25 ވަނަ ދުވަހުން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރައިގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމަށް ގައުމީ ޓީމުތަކުން އަންނަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

މި ފަހަރުގެ ގޭމްސްގައި ވާދަކުރާ ހުރިހާ ކުޅިވަރުތަކަކުންވެސް ގައުމީ ޓީމުތަކުގެ ސްކޮޑް ތަކާއެކު ބުރަކޮށް މަސައްކަތް ކުރަމުންދާ އިރު، ހޭންޑްބޯޅައިގެ އަންހެން އަދި ފިރިހެން ޓީމުންވެސް ދަނީ މެޑެއްޔެއެއްގެ އަމާޒުގައި ރަނގަޅު ތަމްރީނުތަކެއް ފުރިހަމަ ކުރަމުންނެވެ. މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ އަންހެން އަދި ފިރިހެން ހޭންޑްބޯޅަ ޓީމުވެސް ތައިލެންޑަށް ފުރާފައިވާ އިރު، އައިއޯއައިޖީގެ މެޑެއްޔަކަށް ކޯޗުންގެ ވިސްނުން ފުޅަލެވެ.

ގައުމީ ފިރިހެން ޓީމަށް މި ވަގުތު އިރުޝާދު ދެމުން އަންނަ ސާބިއާގެ ބްރަޓިސްލާވް ސްޓޮމެނޮވިޗް، ރާއްޖޭގެ ގައުމީ ޓީމާ އެކު އަނެއްކާވެސް މަސައްކަތް ކުރަމުން އަންނަ އިރު، އޭނާ އެންމެ ބޮޑަށް އިސްކަމެއް ދީގެން އައިއޯއައިޖީއަށް ރަނގަޅު ކުރަމުން ދަނީ ފިޓްނަސްއަށް ކަމަށް ވަނީ ބުނެފައެވެ.

"ގިނަ ދުވަސްތަކަކަށްފަހު އަހަރެން އަނެއްކާވެސް ރާއްޖޭގެ ޓީމާ ހަވާލުވެ، ފަރިތަކުރުންތައް މި ކުރިއަށް ގެންދަނީ. ފުރަތަމަ އައިސް ތަމްރީނުތައް ފެށިއިރު ފިޒިކަލް ކޮންޑިޝަނާއި ކުޅުންތެރިން ތިބި ފިޓްނަސް ލެވެލްއާ މެދު އެހާ ބޮޑަށް ހިތްހަމައެއް ނުޖެހޭ. އެކަމަކު މިހާރު އަހަރެން މިހުރީ ހިތްހަމަ ޖެހިފައި. ފިރިހެން ޓީމާއި އަންހެން ޓީމުގައިވެސް ތަފާތު މަސައްކަތްތަކެއް ކުރެވިއްޖެ،" މީގެ ކުރިން 2019 ވަނަ އަހަރު ގައުމީ ހޭންޑްބޯޅަ ޓީމަށް އިރުޝާދު ދީފައިވާ ސްޓޮމެނޮވިޗް ބުންޏެވެ.

އޭނާގެ ނަޒަރުގައި މިހާރު މިއޮތް ފެންވަރުން، އަނިޔާގެ މައްސަލަތަކެއް ކުރިމަތި ނުވެ ގޭމްސްއަށް ދެވިއްޖެނަމަ، މެޑަލް ހޯދުމުގެ އުންމީދު ބޮޑެވެ. އެހެންނަމަވެސް އެކަމަށް ޔަގީންކަން ނުދޭނެ ކަމަށާއި އެކަމަށް ކުރާނީ މަސައްކަތް ކަމަށް ސްޓޮމެނޮވިޗް ބުންޏެވެ.

ސްޓޮމެނޮވިޗް ރާއްޖެއަށް އައިސްފައި ވަނީ ފިޓްނަސްއަށް ހާއްސަ ސްލޮވޭނިއާގެ އެސިސްޓެންޓް ކޯޗަކާ އެކުގައެވެ. މިހާތަނަށް ދެ މަހެއްހާ ދުވަހު، ކުޅުންތެރިންނަށް ރިލީސް ހަމަޖެހިގެން ގައުމީ ފިރިހެން އަދި އަންހެން ޓީމުންވެސް މަސައްކަތް ކުރަމުން އައިސްފައިވާ އިރު، ކޯޗު ސްޓޮމެނޮވިޗްގެ ނަޒަރުގައި ޔޫރަޕްގެ ހޭންޑްބޯޅައަށް ފިރިހެން ޓީމު މަޑުމަޑުން ހާނުވަން މަސައްކަތް ކުރެވެއެވެ.

"އަހަރެމެން ފުރަތަމަވެސް އައިސް ކުޅުންތެރިންނަށް ހާއްސަ ޓެސްޓްތަކެއް ފުރިހަމަ ކުރުވިން. އަދި ކަންތައްތަކެއް ބެލިން. އެއީ ޔޫރަޕާއި މި ސަރަހައްދުގެ ހޭންޑް ބޯޅަވެސް ތަފާތުވުމާއެކު. އެހިސާބުން ފެށިގެން އާ ކަންތައްތަކެއް، އާ މައުލޫމާތުތަކެއް ކުޅުންތެރިންނަށް ފޯރުކޮށްދެމުން މި އަންނަނީ. ޔޫރަޕްގައި މަސައްކަތްތަކެއް ކުރާ ގޮތަށްވެސް ހޭނުމަށްވެސް މަސައްކަތް ކުރެވިއްޖެ،" ސްޓޮމެނޮވިޗް އިތުރަށް ބުންޏެވެ.

ސްޓޮމެނޮވިޗް ފާހަގަކުރީ އިންޑޯގައި ފަރިތަކުރުންތައް ކުރިއަށް ނުގެންދެވުމަކީ ޗެލެންޖެއް އަދި މައްސަލައެއް ނަމަވެސް، ވިސްނާނީ ރަނގަޅު ނަތީޖާއަކަށް ކަމަށެވެ. އަދި އިދިކޮޅު ޓީމުތަކުގެ މައުލޫމާތުވެސް ލިބެމުންދާ މިންވަރަކުން ހޯދަމުންދާ ކަމަށްވެސް ސްޓޮމެނޮވިޗް ބުންޏެވެ.

"ފްރާންސްގެ ކުޅުންތެރިންގެ މައުލޫމާތު ވަރަށް ރަނގަޅަށް އަހަންނަށް އެނގޭނެ. އެ ސްޓައިލްވެސް. އެހެންވިޔަސް، އައިއޯއައިޖީގައި ވާދަކުރަން ޖެހޭ ޓީމުތަކާ ގުޅޭ ގޮތުން އެނގެނީ ކުޑަ މިންވަރެއް. އަހަރެން ޓީމުގައި މިތިބީ ވަރަށް އާ ޒުވާން ކުޅުންތެރިންތަކެއް. ފަސް ވަރަކަށް ކުޅުންތެރިން ފިރިހެން ޓީމުގައިވެސް އެބަތިބި އާ ކުޅުންތެރިންގެ ގޮތުގައިވެސް. އެއީ ޗެލެންޖަކަށް ވާނެ ކަމެއް. މިހާރު މިކުޅޭ ކުޅުމުގައި ޕާފޯމް ކުރެވުނު ނަމަވެސް ބޮޑެތި މުބާރާތްތަކުގައި އަދި މެންޓަލީ ޗެލެންޖުތަކަކާ ކުރިމަތިލާން ޖެހިދާނެ. އެކަމަކު އެކަމަށް ޓީމު ރަނގަޅަށް ހާނައި ، ކަންކަމާ ވާހަކަ ދައްކަމުން ދަނީ،" ސްޓޮމެނޮވިޗް ޓީމާ ގުޅޭ ގޮތުން ފާހަގަކުރިއެވެ.

ޓީމުގެ ކުޅުންތެރިންގެ ނަޒަރުގައިވެސް އެންމެ ބޮޑަށް ރަނގަޅު ކުރެވުނީ ފިޓްނަސްއެވެ. އޭގެ އިތުރުންވެސް ގިނަ ދުވަސްތަކެއް ލިބުމަކީ ހިތްހަމަ ޖެހުމެއް ކަމަށްވެސް ގިނަ ކުޅުންތެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިފަހަރު ގިނަ ދުވަސްތަކެއް ވަންދެން އެއްކޮށް ފަރިތަކޮށްލަން ލިބުމުން، ޓީމު އެކުވެފައިވާ ކަމަށްވެސް ކުޅުންތެރިން ފާހަގަކުރިއެވެ.

އަންހެން ޓީމުންވެސް ކުޅުންތެރިންގެ ރިލީސްއާ އެކު ދެ މަހެއްހާ ދުވަހު ރާއްޖޭގައި ފަރިތަކޮށް، މިހާރު ތައިލެންޑްގެ ކޭމްޕްގައި މަސައްކަތް ކުރަމުންދާ އިރު، ކޯޗު ހުސެން އައްޒާމްގެ ނަޒަރުގައި ގައުމީ ހޭންޑްބޯޅަ ދާ މިސްރާބުން ނަތީޖާ ރަނގަޅު ކުރެވޭނެ ޖާގަ ބޮޑެވެ.

އައްޒާމް ފާހަގަކުރީ ހޭންޑްބޯޅަ ކުޅޭ ކުދިން ގިނަވުމާއެކު ރަނގަޅު ކަންތައްތަކެއް ފެންނަމުންދާ ކަމަށެވެ. އެގޮތުން ގައުމީ ޓީމަށް އެރުމަށް ކުރާ މަސައްކަތް ބޮޑުމާއެކު ކުޅުންތެރިންގެ ހުނަރު ތަފާތު ރޭޓެއްގައި ކުރިއަރާތަން ފެނުމުގެ އިތުރުން ކޯޗުންނަށް ކުދިން ނަގަން ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޕޫލެއް ލިބޭ ކަމަށްވެސް އައްޒާމް ފާހަގަކުރިއެވެ. އައްޒާމް އިތުރަށް ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި އަންހެން ޓީމަކީ މިވަގުތު ރާއްޖެއިން ނެގެން އޮތް އެންމެ ރަނގަޅު ޓީމުކަމަށް ވަރަށް ބޮޑަށް ޔަގީން ކަމަށެވެ.

ކޯޗު ފާހަގަކުރީ ޓީމު އޮތީ ބަދަލުވަމުންދާ މިސްރާބެއްގައި ކަމަށްވުމުން، ރަނގަޅު ތަޖުރިބާއަކާ އެކު ނަތީޖާ ނެރުމަށް ވިސްނާފައިވާ ކަމަށެވެ.

"މިހާރު އަންހެން ޓީމު މިއޮތީ ޓްރާންސިޝަން ޕީރިއަޑެއްގެ ތެރޭގައި. އެއީ މިހާރު މިއޮތް ސްކޮޑަކީ ޒުވާން ކުޅުންތެރިންތަކަކާ އެކު ހަމަ ތަޖުރިބާ ހުރި ކުޅުންތެރިންނާ އެކު އެކުލަވާލެވިފައި އޮތް ސްކޮޑެއް. އެހެންވީމަ ޓާގެޓް ކުރަނީ މެޗަކަށްފަހު މެޗެއް ރަނގަޅުކޮށް، ޒުވާން ކުޅުންތެރިންނަށް ތަޖުރިބާއެއް ހޯދައިދެވުމާ އެކު ނަތީޖާއެއް ނެރުން،" އައްޒާމް ބުންޏެވެ.

އަންހެން ޓީމުގެ ކުޅުންތެރިންވެސް ފާހަގަކުރީ ފަރިތަކުރުންތަކުން އެންމެ ބޮޑަށް ރަނގަޅު ކުރެވުނު އެއް ކަމަކީ ފިޓްނަސް ކަމަށެވެ. އެގޮތުން ފުރަތަމަ ފަރިތަކުރުންތައް ފެށިއިރާއި މިހާރާ އަޅައި ބަލާއިރު، ކުޅުންތެރިންގެ ފިޒިކަލް ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށްވެސް އަންހެން ޓީމުގެ ކުޅުންތެރިން ފާހަގަކޮށްފައިވެއެވެ.

  • ނޯޓު: މި އާޓިކަލްއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާ ދިވެހި އެތުލީޓުންނާއި ޓީމުތައް ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ހާއްސަ މަސައްކަތުގެ ދަށުން، އެމްއޯސީ މީޑިއާ ޓީމުން ތައްޔާރުކޮށްފައިވާ އާޓިކަލްއެކެވެ.