ބީއެމްއެލްގެ އެހީގައި އައިޖީއެމްއެޗްގައި ހެދި އޮންކޮލޮޖީ ވޯޑު މިއަދު ހުޅުވައިފިއެވެ.

އައިޖީއެމްއެޗުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ވޯޑު ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ރަސްމިއްޔާތުގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކައާއި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމްގެ އިތުރުން އެ ހޮސްޕިޓަލްގެ ވެރިންނާއި ބީއެމްއެލްގެ ބޯޑު މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. 

އަށް ޕޭޝަންޓުންނަށް އެއްފަހަރާ ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ މި ވޯޑު ހެދުމަށް ބީއެމްއެލުން ވަނީ 3.5 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައެވެ. މިއީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގި މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން އެއް ހަރަކާތެވެ.  

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގި ޕްރޮޖެކްޓްތައް ރާއްޖެއަށް މުހިންމު ގިނަ ދާއިރާތަކަށް އަމާޒުކޮށްފައިވާނެ ކަމަށެވެ.

"މިގޮތުން މިއަދު ހުޅުވިގެން މިދާ އޮންކޮލޮޖީ ވޯޑަކީ އައިޖީއެމްއެޗްގެ އިތުރުން ސިއްހީ ދާއިރާއަށްވެސް ވަރަށް ބޭނުންތެރި މުހިންމު ޕްރޮޖެކްޓެއް. އަޅުގަނޑުމެންގެ އުންމީދަކީ މި ވޯޑު މެދުވެރިކޮށް ރައްކާތެރި އަދި ފެންވަރު ރަނގަޅު އޮންކޮލޮޖީ ހިދުމަތްތަކެއް އެކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ލިބިގެން ދިއުން." ސްޓުމަކް ވިދާޅުވިއެވެ.