އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު މޮނިޓާކޮށް، އޮބްޒާވް ކުރަން 8،152 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބު މޮނީޓާ ކުރަން ރާއްޖޭގެ މީޑިއާތަކުން 4،545 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އަދި އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި، ސިޔާސީ ޕާޓީތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި އަމިއްލަ ގޮތުން ކުރިމަތިލި ފަރާތްތަކާއެކު 3،607 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

އެ އެޕްލިކޭޝަންތަކުގެ މައުލޫމާތު ކަށަވަރުކޮށް އެކްރެޑިޓް ކުރުމުގެ މަސައްކަތް އީސީން މިހާރު ދަނީ ކުރަމުންނެވެ.

ހަބީބު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި 574 ވޯޓުލާ މަރުކަޒު ގާއިމުކުރާ އިރު، ކޮންމެ ވޯޓުލާ މަރުކަޒެއްގައި ގާތްގަނޑަކަށް 14 ބޭފުޅުން އިންތިހާބު އޮބްޒާވްކޮށް މޮނިޓަރު ކުރުމަކީ އިންތިހާބުގެ ކަންކަން ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް އީސީއަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރަކާއި ހިތްހަމަޖެހުމެއް ކަމަށެވެ.

ރާއްޖޭގެ މޮނިޓަރުންނާއި އޮބްޒާވަރުންގެ އިތުރުން، އިންޓަނޭޝަނަލް އޮބްޒާވަރުންނާއި މޮނިޓަރުންގެ އޮބްޒަވޭޝަންތަކާ އެކު އަންނަ ރިޔާސީ އިންތިހާބު ވެގެންދާނީ އެންމެ ރަނގަޅަށް، އެންމެ ގިނަ އަދަދެއްގެ ބޭފުޅުން، އޮބްޒާވްކޮށް މޮނިޓާ ކުރާ އިންތިހާބަށް ކަމަށްވެސް ވިދާޅުވިއެވެ.