ޖަރުމަނުގެ މިނިސްޓަރަކު ދަތުރުކުރި ފްލައިޓެއް ދެދުވަސްތެރޭ ދެފަހަރަށް އިމަޖެންސީގައި ޖައްސައިފިއެވެ.

ޖަރުމަނުގެ ފޮރިން މިނިސްޓަރު، އަންނަލޭނާ ބާބޮކް ވަނީ ދަތުރުކުރައްވަމުން ގެންދެވި ފްލައިޓުގައި ޓެކްނިކަލް މައްސަލަތައް ގިނަވެ ދެދުވަސްތެރޭ ދެފަހަރަށް އިމަޖެންސީކޮށް ޖެއްސުމުގެ ސަބަބުން އެ ފްލައިޓުން އިތުރަށް ދަތުރުނުކުރުމަށް ނިންމަވައި ދަތުރުގައި ބާކީ ހުރި ރަށްތަކަށް ވަޑައިގަތުން ކެންސަލް ކުރައްވައިފައެވެ.

މިނިސްޓަރު، އަންނަލޭނާގެ ދަތުރު ކެންސަލް ކުރައްވައިފައިވަނީ އަބޫދާބީއަށް އިމަޖެންސީކޮށް ފްލައިޓު ޖެއްސުމުން ކަމަށް ނޫސްތައް ބުނެއެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ އިތުރުން ނިއުޒިލެންޑް އަދި ފިޖީއަށް ކުރައްވާން ހަމަޖެހިފައި އޮތް ރަސްމީ ދަތުރު ކެންސަލް ކުރައްވައިފައެވެ.

މިނިސްޓަރު، އަންނަލޭނާ ދަތުރުކުރައްވަމުން ގެންދެވީ ޖަރުމަނު ސަރުކާރުގެ ރަސްމީ ފްލައިޓެއްގައެވެ. އޭ340-300 މަރުކާގެ އެ ފްލައިޓު ރަސްމީ ދަތުރުތައް ކުރާތާ 23 އަހަރުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ. މިނިސްޓަރު އަންނަލޭނާ ދަތުރުކުރައްވަމުން ގެންދަވަނިކޮށް ދެ ފަހަރުވެސް އިމަޖެންސީގައި ޖައްސާފައި ވަނީ ފްލައިޓުގެ ވިންގް ފްލެޕްސްތަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގަ އެވެ.

ޖަރުމަނުގެ ރަސްމީ ފްލައިޓުތަކަށް މައްސަލަ ދިމާވުމަކީ މިހާރު އާންމުވެފައިވާ ކަމެކެވެ. 2018 ވަނަ އަހަރުވެސް އެގައުމުގެ ޗާންސެލަރު އެންޖެލާ މާކަލް ޖީ20 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އާޖެންޓީނާއަށް ކުރެއްވި ދަތުރުވެސް އެންމެ ފަހުވަގުތު ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ވަނީ ކެންސަލް ކޮށްފައެވެ.