ޖަޕާނަށް ބާރުގަދަ ތޫފާނެއް އެރުމާއެކު 237،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.

ތޫފާން ލޭން ޖަޕާނުގެ ހުޅަނގު ސަރަހައްދުތަކަށް އިއްޔެ އަރާފައިވާއިރު އެ ގައުމުގެ 11 ސަރަހައްދަކުން 237000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާކަމަށް ފަޔާ އެންޑް ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ވަނީ ބުނެފައެވެ.

ތޫފާނުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ޝިއޮނޮމިސާކީ ސަރަހައްދަށް ވަނީ ބޯކޮށް ވާރޭވެހުމުގެ އިތުރުން ގަޑިއަކު 100 މޭލަށް ވައިޖެހިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަޕާނުގެ ފުލުހުންނާއި އަލިފާން ނިއްވާ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނާގޮތުގައި ގިނަ އަދަދެއް މީހުނަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދީފައިވެއެވެ. މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.

ތޫފާން އެރި ސަރަހައްދުގެ ކަރަންޓު ކެނޑިފައިވާއިރު އެ ސަރަހައްދުގައި ހުރި ހުރިހާ އެއާޕޯޓުތަކެއް ވަނީ ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން މުޅި ޖަޕާނުން ދުވާލަކު 950 ފްލައިޓު ކެންސަލް ކުރަން ޖެހިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.