ރާއްޖެއިން އޮޕަރޭޓް ކުރާ, ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެޝާ އެއާލައިން, ބިއޯންޑަށް ކޮންޓިނުއިން އެއާވާތިނެސް މެނޭޖްމަންޓް އޯގަނައިޒޭޝަން (ސީއޭއެމްއޯ) އެޕްރޫވަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދީފި އެވެ.
ބިއޯންޑްގެ ޗީފް އޮޕަރޭޝަންސް އޮފިސަރު އަދި އެކައުންޓަބަލް މެނޭޖަރު ނަންތާ ލެނިން ވިދާޅުވީ، އެ ކުންފުނިން އެތެރޭގެ ވަރަށް ތަފުސީލީ އޮޑިޓެއް ހެދުމަށް ފަހު ސީއޭއެމްއޯ ހުއްދަ ދިނުމުގެ ކުރިން ސިވިލް އޭވިއޭޝަން އޮތޯރިޓީންވެސް ވަރަށް ތަފުސީލީ އޮޑިޓެއް ހެދި ކަމަށެވެ.
އެ ހުއްދައާއެކު ކޮމާޝަލް އޮޕަރޭޝަން ފެށުމަށް, އެއާ އޮޕަރޭޓާސް ސެޓްފިކެޓް ހޯދަން ފަސޭހަ ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބިއޯންޑުން ދާދި ފަހުން ވަނީ އެ ކުންފުންޏަށް އެކި އިންވެސްޓަރުންގެ ގުރޫޕަކުން އިނީޝަލް އިންވެސްޓްމެންޓްގެ ގޮތުގައި 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ލިބިފައިވާކަން އިއުލާންކޮށްފައެވެ. ނަމަވެސް އިންވެސްޓަރުންގެ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ބިއޯންޑްގެ ދަތުރުތައް މި އަހަރުގެ ފަހުކޮޅު ފެށުމަށް މަސައްކަތް ކުރަމުންދާއިރު އެ އެއާލައިންގެ ދަތުރުތަކުގައި ބޭނުންކުރާނީ 68 މީހުންގެ ޖާގައިގެ އެއާބަސް އޭ320 މަރުކާގެ ފެމިލީ އެއާކްރާފްޓެކެވެ. އެ އެއާލައިން ޔޫރަޕުންނާއި މެދު އިރުމަތި އަދި އޭޝިއާ ޕެސިފިކުން ރާއްޖެއަށް ފަސިންޖަރުން ގެންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު