ފުޓްސަލް

ޓެކާސް ރިސޯޓް ކަޕް: ކ. އަތޮޅު ދެކުނު މުބާރާތުގެ ޗެމްޕިއަންކަން ކްރޮސްރޯޑްސްއަށް

ޓެކާސްއިން އިންތިޒާމުކޮށްގެން ބާއްވަމުންދާ ޓެކާސް ރިސޯޓް ކަޕް 2023 ގެ ކ. އަތޮޅު ދެކުނު މުބާރާތުގެ ޗެމްޕިއަންކަން ކްރޮސްރޯޑްސް މޯލްޑިވްސްއިން ހޯދައިފިއެވެ.

ޓެކާސްއިން މިދިޔަ އަހަރުވެސް ކާމިޔާބު މުބާރާތެއް އެކިއެކި ސަރަހައްދުތަކުގައި ރިސޯޓުތަކަށް ބާއްވާފައިވާ އިރު، ކ. އަތޮޅު ދެކުނު ބިތުގެ ރިސޯޓުތަކަށް އަމާޒުކޮށް ބާއްވާ މުބާރާތް ބާއްވާފައި ވަނީވެސް ކްރޮސްރޯޑްސްގައެވެ. އިއްޔެ ކުޅުނު ފައިނަލްގައި ހޯސްޓް ކްރޮސްރޯޑްސްއިން ވަނީ 3-1 ގެ ނަތީޖާއަކުން އޮޒެން ލައިފް މާދޫ ބަލިކޮށްފައެވެ.

އިއްޔެ ހަވީރު ކުޅުނު ފައިނަލުގެ ފުރަތަމަ ހާފު ނިމުނު އިރު، ކްރޮސްރޯޑްއިން އޮތީ ގޯލު ޖަހައި ލީޑު ނަގައިފައެވެ. އެހެން ނަމަވެސް ދެވަނަ ހާފަށް ނުކުނެ އޮޒެން ލައިފް މާދޫން ނަތީޖާ ހަމަހަމަ ކުރުމާއެކު މެޗު ފޯރިގަދަވިއެވެ. މެޗުގެ ފަހު ހާފުގައި ކްރޮސްރޯޑްސްއިން ކުޅުން ރަނގަޅުކޮށް އިތުރު ދެ ގޯލު ޖަހައިގެން ތަށި ޔަގީން ކުރިއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކްރޮސްރޯޑްސްގެ އިސްމައިލް ވަހީދެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކްރޮސްރޯޑްސްގެ މުހައްމަދު ރަޝީދާއި ޝިފާޒް އާދިލް (ތުއްތު)ގެ އިތުރުން އެޓީމުގެ ހަސަން ލައުހް، މާދޫގެ މުހައްމަދު އައްޒާމާއި ހުސައިން ޝިހާމެވެ. ކ. އަތޮޅު ދެކުނު ޒޯނުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ ހާޑް ރޮކް މޯލްޑިވްސްގެ އައިމަން އިލްޔާސެވެ. އޭނާ ވަނީ މުބާރާތުގައި ޖުމުލަ ފަސް ގޯލެވެ.

ކ. އަތޮޅު ދެކުނު ޒޯން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ކްރޮސްރޯޑްސްގެ އިސްމައިލް ވަހީދެވެ.

ޓެކާސް ރިސޯޓު ކަޕް 2023ގެ މުބާރާތްތައް މިފަހަރު ހާއްސަކޮށްފައިވާ ސަރަހައްދުތަކަކީ ކާފު އަތޮޅު ދެކުނު ބިތުގެ ރިސޯޓުތަކާއި ކާފު އަތޮޅުގެ އުތުރު ބިތުގެ ރެސޯޓުތަކުގެ އިތުރުން ބ، ޅ، އަދ، ނ، ރ އަދި ދ. އަތޮޅަށެވެ.

ޓެކާސް ރިސޯޓް ކަޕްގެ ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ޒޯނެއްގެ ޗެމްޕިއަނުންނަށް މެޑަލް އަދި ޓްރޮފީ ދޭ އިރު، ކޮންމެ އަތޮޅަކުން ގަދަ ފަސް ކުޅުންތެރިންނާއި އެންމެ އުންމީދީ ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗު ހޮވާނެއެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާ އިރު، ރަނަރަޕް ޓީމަށް 2500 ޑޮލަރު ލިބޭނެއެވެ.