ނ. ލަންދޫގައި އުފައްދާ ކުޅައްވައް އައިސްކްރީމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުރީފު ކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެރަށަށް ވަޑައިގެން ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކުރިން އެ މަނިކުފާނު އެ ރަށަށް ވަޑައިގަތުމުން ކުޅައްވައް މޮހީޓޯއެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި މިފަހަރު ވަޑައިގަތުމުން ވެސް ލިބިވަޑައިގަންނަވާނެކަމަށް ހީފުޅުކުރެއްވި ކަމަށެވެ. އެއީ އެ މަނިކުފާނަށް ވަރަށް މީރުފުޅުވި އެއްޗެއްކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގިފައޮތް ގޮތުގާ މިހާރު މޫވިންޕިކްގެ އައިސްކްރީމްގެ ލިސްޓުގަ ކުޅައްވައް މޮހިޓޯ ހިމަނައިފި. ތިބޭފުޅުންގެ ރެސިޕީއެއް އެއީ. ސިޔާމް އެ އިންނެވީ އެކަމަށް ތަރުހީބު ދޭން. ސިޔާމްގެ ހުރިހާ ރިސޯޓެއްގަ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގާ ކުއްޅަވައް އައިސްކްރީމް ލިބޭގޮތަށް ހަދައިދޭނެ. ތިބޭފުޅުން ކުރިއަށް ވަޑައިގަންނަވާ، ހަމަ ޔަގީނުން ވެސް ސިޔާމް އެކަން ކޮށްދެއްވާނެ. މޫވިންޕިކްގެ ލިސްޓަށް ލަންދޫގެ މިފަދަ ރެސިޕީއެއް އެރުން އެއީ އަޅުގަނޑުމެން އެކަމާ ދޭތެރޭ ފަހުރުވެރިވާންޖެހޭ ވަރުގެ ކަމެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އެފަދަކަމެއް ކުރެވޭނެ ކަމަށާއި ބޭނުންވަނީ ފުރުސަތު ކަމަށެވެ. އެ މަނިކުފާނުގެ ސަރުކާރެއްގައި އެ ފުރުސަތު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ މެނިފެސްޓޯއަކާއެކު ކަމަށެވެ. މެނިފެސްޓޯގައި ޒުވާނުންނަށް ހާއްސަކޮށްގެން ގިނަ ކަންތައްތަކެއް ހިމަނާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ވަނީ ޒުވާނުންނަށް ތައުލީމާއި އެކިކަހަލަ ހުނަރުގެ ފުރުސަތުތައް ފަހިކޮށްދީފައި ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ވަނީ 20،000 ވަޒީފާ އުފައްދައި، 1،600 ޒުވާނުންނަށް އެސްއެމްއީ ލޯނު ދޫކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.

ނ. އަތޮޅުގެ ރައްޔިތުންނަށް އެ މަނިކުފާނު އޮޅިވަޑައިނުގަންނަވާނެ ކަމަށާއި އަދި އެމްޑީއޭގެ ލީޑަރު، އަހުމަދު ސިޔާމް މުހައްމަދު ވެސް އޮޅިވަޑައިނުގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނ. އަތޮޅަށް ކަންތައްތަކެއް ކޮށްދީފައިވަނީ އެ މަނިކުފާނާއި ސިޔާމު ކަމަށް ރައީސް ވިދާޅުވިއެވެ. ސިޔާމާއެކު، އެ މަނިކުފާނު މިވަނީ ކޯލިޝަން ހަދައިފައި ކަމަށާއި އެހެންކަމުން ނ. އަތޮޅުގެ މުސްތަގުބަލު އުޖާލާކަމަށް ރައީސް ވިދާޅުވިއެވެ.