ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ތެރެއިން މި ވަގުތު ގޯތި ދޫނުކުރެވެނީ 684 ފަރާތަކަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގޯތީގެ ވަގުތީ ލިސްޓު ފުރަތަމަ އިއުލާނުކުރިއިރު ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ ގޮތުގައި ތިބީ 10،314 މީހުން ކަމަށެވެ. ނަމަވެސް ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމުން 18،955 ފަރާތަކަށް މިހާރު ގޯތި ދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން މި ފަހަރު 18955 ފަރާތަކަށް ދެވޭއިރު ނުދެވެނީ ހަމައެކަނި 684 ފަރާތަކަށް" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ގޯތި ނުދެވެނީ، ކައިވެންޏެއް ނުކޮށް ދަރިޔަކުވެސް ނެތް 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހުނަށް ކަމަށެވެ. ނަމަވެސް އެ އުމުރު ފުރާއިންވެސް ޖޮއިންޓް އެޕްލިކޭޝަންގެ ތެރެއިން 2068 ފަރާތަކަށް ގޯތި ދީފައިވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ، މި ވަގުތަށް ގޯތި ދޫނުކުރެވޭ 684 ފަރާތަށް ގޯތި ދޫކުރެވެނީ ބިން ނެތުމުން ކަމާއި ބިން ހަމަޖެހުމުން އެ ފަރާތްތަކަށްވެސް ގޯތި ދޫކުރާނެ ކަމަށެވެ.

އަކްރަމް އިތުރަށް ވިދާޅުވީ، މި ދައުރު ނިމުމުގެ ކުރިން ޝަތުރު ހަމަވާ 18،955 ފަރާތަށް ގޯތި ދީ ރަޖިސްޓަރީ ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކުރިން ދޫކުރެވޭނީ ކިތައް ގޯތި ކަމެއް އަކްރަމް ވިދާޅެއް ނުވެއެވެ.

ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލޭން 1،351 ގޯތީގެ އިތުރުން، ގުޅީފަޅުން 2،218 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 5،432 ގޯތި މާލޭ ރަށްވެހިންނަށް ދިނުމަށެވެ.