ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު މިރޭ އާންމުކޮށް، ގޯތި ލިބޭނެ ތަންތަން ކަނޑައަޅަން އަންނަ އަންގާރަ ދުވަހު ގުރުއަތުލުން ކުރިއަށް ގެންދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގޯތީގެ ވަގުތީ ލިސްޓު ފުރަތަމަ އިއުލާނު ކުރި އިރު ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ ގޮތުގައި ތިބީ 10،314 ފަރާތެއް ކަމަށެވެ.

"ޖޮއިންކުރުމުގެ ފުރުސަތު ހުޅުވާލީމާ އަޅުގަނޑުމެންނަށް ގިނަ ފަރާތްތަކަކަށް ގޯތި ދެވޭ ގޮތަށް ހަމަޖެއްސުނީ. ދެން މި ފަހަރު 18955 ފަރާތަކަށް ދެވޭއިރު ނުދެވެނީ ހަމައެކަނި 684 ފަރާތަކަށް،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ގޯތި ނުދެވެނީ، ކައިވެންޏެއް ނުކޮށް ދަރިއަކުވެސް ނެތް 18 އަހަރާއި 25 އަހަރުގެ މީހުން ކަމަށެވެ. އެ މީހުންނަށް ގޯތި ނުދެވި ވަނީ މި ވަގުތަށް ބިން ނެތުމުން ކަމަށާއި ނަމަވެސް ބިން ހަމަޖެހުމުން އެ މީހުންނަށް ގޯތި ދޫކުރާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ އުމުރު ފުރާއިންވެސް ޖޮއިންޓް އެޕްލިކޭޝަންގެ ތެރެއިން 2068 ފަރާތަކަށް ގޯތި ދީފައިވާ އޭނާ ކަމަށެވެ.

"ގޯތި ލިބޭ ފަރާތްތަކުގެ ގުރުލުން ހަމަޖައްސާފައި މިއޮތީ މާދަން ނޫން އަނެއް ދުވަހު، އެއީ އަންގާރަ ދުވަހު." އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ގޯތީގެ އިން ކެނޑުމަށް ފަހު ދޭނީ ދާއިމީ ރަޖިސްޓަރީ ކަމަށާއި އެހެންކަމުން ސަރުކާރު ބަދަލުވިޔަސް އެއަށް ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

މި ދައުރު ނިމުމުގެ ކުރިން ޝަތުރު ހަމަވާ 18،955 ފަރާތަށް ގޯތި ދީ ރަޖިސްޓަރީ ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކުރިން ދޫކުރެވޭނީ ކިތަށް ގޯތި ކަމެއް އަކްރަމް ވިދާޅެއް ނުވެއެވެ.

އަކްރަމް އިތުރަށް ވިދާޅުވީ ގުޅިފަޅާއި ގިރާވަރުން ދޫކުރާ ގޯތިތައް އިމާރާތްކޮށް މީހުން އާބާދުވުމުގެ ކުރިން، ލޭންޑް ޔޫސް ޕްލޭނުގައިވާ ގޮތަށް ހިދުމަތްތައް ގާއިމުކުރާނެ ކަމަށާއި ހިޔާ ސަރަހައްދުގައި ދިމާވި މައްސަލަ ކުރިމަތިނުވާނެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު އާރިފު ވިދާޅުވީ، ގޯތީގެ ގުރުއަތު ނެގުން ކުރިއަށް ގެންދާނީ ގަލޮޅު ދަނޑުގައި ކަމަށެވެ.

"ޕިޒިކަލީ ބޮކްސްއަކަށް ބަކެޓަކަށް ކަރުދާސްކޮޅު އަޅައިގެން އެ ބޭފުޅެއްގެ ގޯތި ލިބޭނެ. ބައިވެރިންގެ ނިސްބަތުން،" އާރިފު ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ، ގުރުއަތު ކަރުދާހުގައި ލޮޓް ނަންބަރާއި ގޯތި އޮންނަ ސަރަހައްދު އޮންނާނެ ކަމަށާއި ގުރުއަތުލާ ދުވަހު ހުޅުމާލެއިން ދޫކުރާ ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލޭން 1،351 ގޯތީގެ އިތުރުން، ގުޅީފަޅުން 2،218 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 5،432 ގޯތި މާލޭ ރަށްވެހިންނަށް ދިނުމަށެވެ.