ވޯޓުލުމަށް ރަޖިސްޓަރީ ކުރިނަމަވެސް ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައަޅައިފައިވާ އަދަދަށް މީހުން ހަމަނުވެގެން ބާތިލުވާ މީހުން އަލުން ރަޖިސްޓަރީ ކުރުން އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރުގައި ވޯޓު ލުމަށްޓަކައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ބައެއް ވޯޓު ފޮށިތަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ އަދަދު އެ ކޮމިޝަނުން ކަނޑައަޅައިފައިވާ އަދަދަށް ހަމަނުވާތީ އެ ވޯޓު ފޮށިތައް ނުބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
"އެހެންކަމުން މި ފޮށިތަކުގައި ރަޖިސްޓަރީކޮށްފައިވާ މީހުން، މިހާރު ފޮށި ބެހެއްޓުމަށް އިއުލާނު ކުރެވި ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު 2023 އޮގަސްޓު 13 ވާ އާދީއްތަ ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން 2023 އޮގަސްޓު 14 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 04:00 ގެ ނިޔަލަށް ހުޅުވާލައިފިން" އީސީން ބުންޏެވެ.
އެ މުއްދަތުގެ ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، އިއުލާނުގައިވާ ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށް އީސީން ބުންޏެވެ.
ރަޖިސްޓްރީވުމަށް ހުށަހަޅަންވާނީ https://form.elections.gov.mv މެދުވެރިކޮށް ކަމަށާއި މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންކަމަށް އީސީން ބުންޏެވެ. މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒުންކަމަށް އީސީން ބުންޏެވެ.
ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެކަމަށް އީސީން ބުންޏެވެ.
- ށ. ގާކޮށިބީ/ ސިއްރުފެންފުށި
- ނ. މެދުފަރު/ ސޮނެވާ ޖާނީ
- ރ.ފާރުފުށި/ އެމެރަލްޑް ފާރުފުށި ރިސޯޓް އެންޑް ސްޕާ
- ރ. މާމިގިލި/ ކޯރާ ކޯރާ މޯލްޑިވްސް
- ރ. ބޮޑުފުށި/ ލެ މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
- ޅ. ހުރަވަޅި/ ހުރަވަޅި އައިލެންޑް ރިސޯޓު
- ޅ/ ކަނުހުރާ/ ކަނުހުރާ
- ކ. މަޑިވަރު/ ވަރު އައިލަންޑް ރިސޯޓު
- އދ. މޫފުށި/ ކޮންސްޓަންސް މޫފުށި ރިސޯޓު
- އދ. އަތުރުގައު/ޑައިމަންށް އަތުރުގާ ބީޗް އެންޑް ވޯޓާ ވިލާސް
- ވ. އާރަށް/ ސިނަމަން ވެލިފުށި މޯލްޑިވްސް
- ދ. މީދުއްފުށި/ ސަން ސިޔާމް ވިލުރީފް މޯލްޑިވްސް
- ތ. މާލެފުށި/ ކޯމޯ މާލިފުށި
- ގއ. މާމުތާ/ ޕުލްމޭން މޯލްޑިވްސް މާމުތާ ރިސޯޓު
- ގއ. ދިގުރަށް/. ދަ ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށް
- ގދ. މަގުދުއްވާ/ އަޔާޑާ މޯލްޑިވްސް
- ތިލަފުށި/ ތިލަފުށި1
- އިންޑިއާ/ ނިއު ދިއްލީ 1
- ސިންގަޕޫރު
- ތައިލެންޑު/ތައިލެންޑް1
- ޖަޕާން/ޓޯކިއޯ1
ޚަބަރު
ޚަބަރު