އިދިކޮޅު މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓެއް ނެތީ އެ ޕާޓީގެ އެތެރޭގައި ޑިމޮކްރަސީ ނެތުމުން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސްޕެޝަލް އެޑްވައިޒަރުކަމުގައި ހުންނެވުމަށް ފަހު މި މަހުގެ ދިހަ ވަނަ ދުވަހު އެ ޕާޓީއާއި އެޑްވައިޒަރުކަމުން ވަކިވެވަޑައިގެން މާމިގިލީގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިހާރު ކުރިއަށްގެންދާ ޖަލްސާގައި އެ ޕާޓީ އާ ގުޅިވަޑައިގެންނެވުމަށް ފަހު، ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ، އެ މަނިކުފާނު ޕީޕީއެމުން ވަކިވެވަޑައިގަތުމުން "މަގުމަތިވީ" ކަމުގައި ބައެއް ފަރާތްތަކުން ތުހުމަތުކުރެއްވި ކަމަށާއި ނަމަވެސް ހަގީގަތުގައި އެ މަނިކުފާނު މަގުމަތި ނުވާ ކަމަށެވެ.
ޕީޕީއެމުން ވަކިވެވަޑައިގެންފައިވާކަން ހާމަކުރައްވައި ޑރ. ވަހީދު އާންމު ކުރެއްވި ސިޓީގައި ވިދާޅުވެފައި ވަނީ މީގެ ދިހަ އަހަރުގެ ކުރިން ޕީޕީއެމްއާ އެ މަނިކުފާނު ގުޅިވަޑައިގަތީ ގައުމުގައި ހަމަޖެހުން ގާއިމުކޮށް, ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ކަމަށެވެ.
އޭގެ ތެރެއިން ގިނަ ކަންކަން ޕްލޭނާ އެއްގޮތަށް ހާސިލުވި އިރު, ރާއްޖޭގެ އިގުތިސާދާއި ޑިމޮކްރަސީ ހަރުދަނާކޮށް ރައްޔިތުންގެ ފާގަތިކަން އިތުރު ކުރަން އިތުރު މަސައްކަތްތަކެއް ކުރަން އަދިވެސް އެބަހުރި ކަމަށް ވިދާޅުވެފައިވެއެވެ.
މިރޭގެ ޖަލްސާގައި ޑރ. ވަހީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ވާދަކުރުމުގެ ފުރުސަތު ނުދިން ކަމަށެވެ.
"އެތެރޭގެ ޑިމޮކްރަސީ ނެތުމުގެ ސަބަބުން އެއްވެސް މީހަކަށް އެ ޕާޓީން (ޕީޕީއެމް) އިން ރިޔާސީ އިންތިހާބުގައި ނުކުތުމުގެ ފުރުސަތެއް ނުލިބުނު. ނުދިން" ރާއްޖޭގެ ފުރަތަމަ ޕީއެޗްޑީ ހޯލްޑަރު ޑރ. ވަހީދު ވިދާޅުވިއެވެ.
ޑރ. ވަހީދު މީގެ ކުރިން ވަނީ، ފުރުސަތު ލިބިވަޑައިގެންފިނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓް، ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަން ޔަގީންވެވަޑައިގަތުމާއެކު ޑރ. ވަހީދު ކުށުގެ ރެކޯޑްވެސް ސާފުކުރެއްވިއެވެ.
ވ. އާރަށް މައްސަލައިގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ސަބަބުން އިންތިހާބީ ދެ ޝަތުރެއް އުނިވާތީ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަން ޔަގީންވުމާއެކު، ޔާމީން ވަނީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން އިދިކޮޅު ޕީޕީއެމް-ޕީއެންސީއަށް އަންގަވައިފައެވެ. ނަމަވެސް، ޕީޕީއެމް-ޕީއެންސީގެ ސެނެޓުން ނިންމީ އިންތިހާބުގައި ވާދަކުރުމަށެވެ. އެއިރު، ޕީއެންސީން ވަނީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކޮށްފައެވެ. ޑރ. މުއިއްޒަކީ، ޕްލޭން "ބީ" ނޫން ކަމަށް ޕީޕީއެމްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ވިދާޅުވުމާއެކު، އެތެރޭގެ ހިޔާލުތަފާތުވުންތައްވެސް އުފެދުނެވެ. ނަމަވެސް މުއިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހެޅުއްވި ފަހުން ޔާމީން ވަނީ އޭނާ އެންޑޯޒްކުރައްވައި، ސެނެޓުގެ ނިންމުމަށް ތާއީދުކުރަން ނިންމައިފައެވެ. އެއާއެކު އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕުން އެއްކޮށް ވަނީ ޑރ. މުއިއްޒުގެ ފަހަތަށް އަރައި، އިދިކޮޅުގެ ކެންޑިޑޭޓްގެ ގޮތުގައި ޑރ. މުއިއްޒު ބަލައިގެންފައެވެ.
ޑރ. ވަހީދު ވިދާޅުވީ، އެ މަނިކުފާނު މަގުމަތިވެފައިވާ ކަމަށް ބަޔަކު ގަބޫލުކުރާނަމަ ޕީޕީއެމްގެ 40،000 ވުރެ ގިނަ މެންބަރުންވެސް ތިބީ މަގުމަތިވެފައި ކަމަށެވެ.
ޑރ. ވަހީދު ވަނީ، ޕީޕީއެމްގެ މެންބަރުންގެ ކިބައިން ޖޭޕީއާ ގުޅިވަޑައިގަތުމަށްވެސް ދައުވަތު ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު