ބޮމުގެ އިންޒާރާއެކު އައިފިލް ޓަވަރު ހުސްކޮށްފިއެވެ.

ފްރާންސުގެ ވެރިރަށް ޕެރިހުގައި ހުންނަ މަޝްހޫރު އައިފިލް ޓަވަރުގައި ބޮމެއް އޮތްކަމުގެ އިންޒާރާއެކު އެ ޓަވަރުގެ ތިން ފަންގި ފިލާގެ އިތުރުން ޓަވަރު ހިމެނޭ ގޯތިތެރޭ ސަރަހައްދު ވެސް މިއަދު ވަނީ ހުސްކޮށްފައެވެ.

މި އިންޒާރާއެކު، ފްރާންސްގެ ފުލުހުން ވަނީ ޓަވަރު ހިމެނޭ ސަރަހައްދުގެ ޓްރެފިކް ވެސް ޑައިވާޓްކޮށް ބޮޑު ސަރަހައްދެއް ބަންދު ކޮށްފައެވެ.

އައިފިލް ޓަވަރު އޮޕަރޭޓުކުރާ ކުންފުނީގެ ފަރާތުން ވަނީ މަދުން ނޫނީ ދިމާވާ އެބާވަތުގެ އިންޒާރުތަކާއެކު ޕްލޭން ކުރެވިފައިވާގޮތަށް އަމަލުކޮށްފައިވާކަމަށް ބުނެފައެވެ.

ޓަވަރުގެ ހުރިހާ ސަރަހައްދެއް ސެކިއުރިޓީ ޓީމުން ބެލުމަށްފަހު ވަނީ އަލުން އާންމުންނަށް ހުޅުވާލައިފައެވެ. އަލުން ހުޅުވާލި ނަމަވެސް އެ ޓަވަރު ހިމެނޭ ސަރަހައްދުގައި ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި ކަމަށް އޮފިޝަލުން ބުނެއެވެ.

އަހަރަކު ހަތް މިލިއަން މީހުން ޒިޔާރަތްކުރާ އައިފިލް ޓަވަރު ވަނީ 2019 ވަނަ އަހަރުވެސް ހުސްކޮށްފައެވެ. އެފަހަރު ހުސްކުރަން ޖެހުނީ އެ ޓަވަރަށް މީހަކު އަރަން މަސައްކަތް ކުރުމުންނެވެ.