އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނައިގައި މިދިޔަ ސީޒަން ނިންމާލި އާސެނަލުން މިއަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ނޮޓިންހަމް ފޮރެސްޓް ކައިރިން މޮޅުވެއްޖެއެވެ.

އެމިރެޓްސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި އާސެނަލުން ފޮރެސްޓް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި ސީޒަނުގެ ކޮމިއުނިޓީ ޝީލްޑް މެޗުގައި މެންޗެސްޓާ ސިޓީ ބަލިކޮށް، އާސެނަލުން ރަނގަޅަށް ސީޒަން ފަށާފައިވާ އިރު، މިއަދުގެ މެޗު ފަށަން ޖެހުނީ ކަނޑައެޅިފައި އޮތް ވަގުތަށްވުރެ ބައިގަޑިއިރު ފަހުންނެވެ. އެއީ އީ ޓިކެޓިން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ބައެއް ސަޕޯޓަރުންނަށް ދަނޑަށް ވަނުމުގައި އުނދަގޫތަކެއް ދިމާވުމުގެ ސަބަބުންނެވެ.

އާސެނަލުން އާ ސީޒަނަށް ނުކުތްއިރު އެޓީމުގެ ކޯޗު މިކޭލް އާޓެޓާ އެންމެ ބޮޑަށް ފާހަގަކުރަމުން އައި ވާހަކައަކީ މިދިޔަ ސީޒަނުގެ ހިތްދަތިކަން ހަނދާން ނައްތާލުމަށް ޓީމަށް ބޭނުންވެފައި އޮތް ކަމުގެ ވާހަކައެވެ. މިދިޔަ ސީޒަންގެ 248 ދުވަހު އާސެނަލުން ތާވަލުގެ އެއްވަނައިގައި ލީޑު ކުރި ނަމަވެސް، ސީޒަނުގެ ފަހުކޮޅުގައި ތަފާތު ދައްކާ ސިޓީން ވަނީ އާސެނަލް ކައިރިން ލީގު ހޯދައިފައެވެ.

މިއަދުގެ މެޗު ރަނގަޅަށް ފަށައި، އާސެނަލުން ވަނީ 26 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އަނިޔާގައި ހުރި ގެބްރިއަލް ޖީސަސްގެ ބަދަލުގައި މެޗަށް ނުކުތް 21 އަހަރުގެ އިނގިރޭސި ފޯވަޑް އެޑީ އެންކެޓިއާ ޖެހި ގޯލަކީ އޭރިއާ ބޭރުން ފޮރެސްޓް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލި ބޯޅައެއްގައި ޖެހި ގޯލެކެވެ. އެންކެޓިއާ ފޮނުވާލި ހަމަލާގެ ފުރިހަމަކަމުން ފޮރެސްޓް ގޯލުގައި ހުރި ކުރިން އާސެނަލަށް ކުޅުނު ގޯލްކީޕަރު މެޓް ޓާނާއަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު މަސައްކަތެއް ނުކުރެވުނެވެ.

އާސެނަލުން ހާފު ނިންމާލީ އިތުރު ހިތްގައިމު ގޯލަކާވެސް އެކުގައެވެ. މެޗުގައި މޮޅަށް ކުޅުނު ބުކަޔޯ ސަކާ، 25 ޔާޑު ދުރުން ފޮނުވާލި ހަމަލާވެސް އަމާޒުކޮށްލީ ސީދާ މަތީ ކަނަށެވެ. މިދިޔަ ސީޒަނުގައިވެސް މޮޅަށް ކުޅުނު ސަކާ، މިދިޔަ ސީޒަނާއެކު އާސެނަލަށް އެންމެފަހުން ކުޅުނު 24 މެޗުގައި 11 ގޯލު ޖަހައި، ހަތް އެސިސްޓް ފުރިހަމަ ކޮށްފައިވެއެވެ.

ފޮރެސްޓުގެ ޓައިވޯ އަވޯނިޔީ މެޗުގެ 83 ވަނަ މިނެޓުގައި އެޓީމަށް ގޯލެއް ޖަހައި އުންމީދު ހޯދައިދިން ނަމަވެސް، އާސެނަލުން ތިން ޕޮއިންޓް ޔަގީންކޮށް ވާދަވެރި ސިޓީއާ ޕޮއިންޓުން ހަމަހަމަ ކުރިއެވެ. ސިޓީން މިފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ވަނީ ބާންލީ ކައިރިން 3-0 އިން މޮޅުވެފައެވެ.