ވައުދުތައް ފުއްދުމަށްޓަކައި ފައިސާ ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު އެ އަތޮޅު ކެނދިކުޅުދުއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދަށް ތައުރީފުކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ. އަދި ސިޔާމާއެކު ކޯލިޝަން ހެއްދެވުމުން އެ ނިންމުމަށް ބޭރުގެ ފަރާތްތަކުން މަރުހަބާ ދަންނަވާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

އަޅުގަނޑާ ބައްދަލުވޭ ބޭރުގެ ބައެއް މީހުންނާ ވެސް. އަޅުގަނޑުމެން މި ކެމްޕޭނަށް ނުކުތް ފަހުންވެސް، ބައްދަލުވެ މަޝްވަރާކޮށްފައި އެބަހުރި، ވާހަކަދައްކާފައި އެބަހުރި. އަހާފައި އެބަހުރި ކޮންބައެއްހޭ ކޯލިޝަނުގައި ތިބީ. ސިޔާމްގެ ވާހަކަ ބުނާއިރަށް އެއަށް އެމީހުން އާނބަސް ބުނޭ، ތިއީ ވަރަށް ރަނގަޅު ޑިސިޝަނެކޭ، ކުރިއަށްދާށޭ. ކުރިއަށްއޮތް ތަނުގައި ތިމަންނަމެން ދޭންޖެހޭ ފައިސާދިނުމުގައި އެއްވެސް ދައްޗެއް ނޯންނާނެއޭ. އަޅުގަނޑުމެން މިއަދު މިވާ ހުރިހާ ވައުދެއް އިރާދަކުރެއްވިއްޔާ ފުއްދުމަށްޓަކައި ސަރުކާރުތަކުންނާއި ބޭރުގެ ބޭންކުތަކުން އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް އެ ފައިސާ ލިބޭނެކަމުގެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ސިޔާމަށް ތައުރީފުކުރައްވަމުން ރައީސް ވިދާޅުވީ ސިޔާމަކީ ނ. އަތޮޅުގެ ހުރިހާ ރައްޔިތުންނާ ވަރަށް ގާތް، ހުރިހާ ބޭފުޅުންގެ އެކުވެރިއެއް ކަމަށާއި ކޯލިޝަންގައި ސިޔާމް ހިމެނިގެންދިއުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ސިޔާމަކީ އިގުތިސާދީ ގޮތުން ރާއްޖެއަށް މި ގެންނަ ބޮޑު ބަދަލުގެ އެއް ހިއްސާދާރު ކަމަށް ރައީސް ވިދާޅުވިއެވެ.

"މުޅި ޓޫރިޒަމް ބަދަލުކޮށްލުމުގެ އެއް މޭސްތިރިއެއް އެއީ. މި އަތޮޅުން ވެސް އެކަން ފެންނާނެ. އެހެންވީމާ ރާއްޖޭގެ އިގުތިސާދު މިއަށްވުރެ ކުރިއެރުވުމަށްޓަކައި ވެސް ސިޔާމާއެކު އަޅުގަނޑުމެން މި އެކުލަވާލާ ސަރުކާރަށް ވެސް ތިބޭފުޅުން ވޯޓުދެއްވުމަކީ ހަމަގައިމުވެސް މި ރާއްޖޭގެ ކުރިއެރުމަށް ލިބިގެންދާނެ ވަރަށް ރަނގަޅު ނިންމުމަކަށް ވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ކެނދިކުޅުއަށް ވަޑައިގެން ވެސް ރައީސް ވަނީ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން އަންނަ ދައުރުގައި އެ ރަށުގައި 300 ރޯހައުސް ނުވަތަ ފުލެޓު ހަދައިދިނުމާއި، ފުއްޓަރު ފަރާތުން ގިރާ ސަރަހައްދު ހިމާޔަތްކުރުން އަދި ތަފާތު ކުޅިވަރުތައް ކުޅެވޭ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.