ރާއްޖޭގެ އެންމެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ އީތަން އިބްރާހީމް ޒަކީ، ސްޕެއިންގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ އީއެފް ހުއެސްކާގެ ޒުވާން ޓީމަށް ގެންގޮސްފިއެވެ.
މި ސީޒަނުގައި ރާއްޖޭގެ ވެލެންސިއާއިން ފެނިގެން ދިޔަ އުމުރުން 14 އަހަރުގެ އީތަން ހުއެސްކާގެ 16 އަހަރުން ދަށުގެ ޓީމަށް ގޮސްފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މިއީ ރާއްޖޭގެ ކުޅުންތެރިޔަކު ސްޕެއިންގެ މަތީ ފަންތީގެ ޓީމަކަށް ކުޅެން ދާ ފުރަތަމަ ފަހަރެވެ. ސްޕެއިންގެ ދެވަނަ ޑިވިޝަންގެ ޓީމުތަކަކީވެސް ފެންވަރުގެ ގޮތުން ތަފާތު، ޔޫރަޕްގެ ކްލަބު ފުޓުބޯޅައިގެ ރަނގަޅު ނިޒާމުގެ ތެރެއިން ހިނގަމުންދާ ކްލަބުތަކެވެ. ހާއްސަކޮށް ސްޕެއިންގެ ޔޫތު މުބާރާތްތަކަކީ ފެންވަރު ރަނގަޅު މުބާރާތްތަކެކެވެ. އީތަންއަށް ލިބުނު ފުރުސަތާއެކު، ބޮޑު ކްލަބެއްގެ ރާޑަރަށް އެރުމަށް އޭނާއަށް ވަނީ ބޮޑު ފުރުސަތެއް ފަހިވެފައެވެ.
ރާއްޖޭގެ އިންޓަ ސްކޫލް މުބާރާތްތަކުގައިވެސް ތަފާތު މޮޅުކޮށް ފެންނަމުންދާ އީތަން މި ސީޒަނުގެ މިހާތަނަށް ވެލެންސިއާގައިވެސް ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. ވެލެންސިއާއިން މި ސީޒަނަށް ނުކުތީ އުނދަގޫ ހާލަތެއްގައި ނަމަވެސް އީތަން ފަދަ ކުޅުންތެރިން އެ ކްލަބުގައި ރަނގަޅު ކުޅުމެއް ދެއްކިއެވެ. އެގޮތުން މިދިޔަ ހަފުތާގައި ލީގުގައި ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ގޯލު ޖަހައި، އީތަން ވެފައި ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
އީތަންގެ އާއިލާގެ އެހީތެރިކަމާއެކު ފުޓުބޯޅައިގެ ފުރުސަތުތަކަށް އަބަދުވެސް މަސައްކަތް ކުރަމުންދާ އިރު، ސްކޫލް ބަންދުގައި އީތަން ވަނީ ސްޕެއިންގައި އޮތް ޕީރެނީސް ކަޕްގައި ކުޅެފައެވެ. އީތަން އެ މުބާރާތުގައި ކުޅެފައި ވަނީ ޕީއެފްއޭ ބެންކޮކް ޓީމަށެވެ. އީތަންއަށް ސްޕެއިންގެ ހުއެސްކާގެ ފުރުސަތަކީ އެ މުބާރާތުގެ ތެރެއިން ލިބުނު ފުރުސަތެކެވެ. އެ މުބާރާތުގައި ކުޅުނު ކުޅުން ރަނގަޅުވުމާއެކު، ސްކައުޓުންނަށް އީތަންގެ ހުނަރު ފެނި ސޮއިކުރަން ވާހަކަ ދައްކާފައިވާ ކަމަށްވެސް "ވަން ސްޕޯޓްސް"އަށް ވަނީ މައުލޫމާތު ލިބިފައެވެ.
ސްޕެއިނުން ލިބުނު ރަނުގެ ފުރުސަތާ ގުޅިގެން "ވަން ސްޕޯޓްސް"އަށް އީތަން ބުނީ، ފުޓުބޯޅައިގެ ހުނަރު ތަރައްގީކޮށް ކުރިއަށްދާން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ.
"އީތަންއަށް މި ފުރުސަތު ލިބުނީމަ، މިހާރު ދެން ކުރިއަށްދާން ވިސްނާނީ. ވީހާވެސް ގިނަ ކަންތައްތަކެއް ދަސްކޮށް ފުޓުބޯޅައިން ކުރިއަށް ދާން ސްޕެއިނަށް މި ދަނީ. މިފުރުސަތުގެ ބޭނުން އެންމެ ރަނގަޅަކަށް ހިފަން ތައްޔާރަށް މިހުރީ،" އީތަން ބުންޏެވެ.
އީތަންއަކީ ރާއްޖޭގައި ހުރި އެންމެ އުންމީދީ އެއް ކުޅުންތެރިޔާއެވެ. އޭނާގެ އަމިއްލަ މަސައްކަތުންވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ އިރު، ސޮބާހު މުހައްމަދު (ސޮބާ)، މުހައްމަދު ފަރީދުގެ އިތުރުން ޔޫސުފް އަޒީމް (ޔޫއްޓެ) ފަދަ ކޯޗުންނާއެކު ޒުވާން ދުވަސްވަރު ގިނަ މަސައްކަތްތަކެއް އީތަން ކޮށްފައިވެއެވެ. އީތަން ވެލެންސިއާގައި ތަމްރީނު ވަމުންދަނީ އިސްމާއީލް އާސިފް (ކުޑަ ހީނާ)ގެ އިރުޝާދުގެ ދަށުންނެވެ.